ދުނިޔޭގެ މުދާ އުފުލާ ބޯޓުތަކުގެ 12 އިންސައްތަ ދަތުރު ކުރާ ކެނަލް ކަމަށްވާ، މިސްރުގެ ސުއޭޒް ކެނަލްގައި ތާށިވި ބޯޓުގެ މައްސަލަ ބަލާ، ބޯޓުގައި ތިބި ފަޅުވެރިންގެ މައްޗަށް ޖިނާއީ ދައުވާ އެއް އުފުލަފާނެ ކަމަށް، ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
ބައިނަލްއަގްވާމީ ނޫސްތަކުން ބުނާ ގޮތުން ނަމަ ކެނަލް ގައި ތާށިވި ބޯޓުގައި 25 ފަޅުވެރިން އެބަތިއްބެވެ. އަދި އެއީ މުޅިންވެސް އިންޑިއާ މީހުން ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެވާ ގިވެންގެ ފަޅުވެރިން ތިބީ ބޯޓުން ފޭބުން މަނާކޮށް ”ބަންދުކޮށްފައި“ ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާއި ގުޅިގެން، ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ) ގެ އެޑްވައިޒަރު ސައީދު ޝިޔާޝާ ވިދާޅުވީ އެމްވީ އެވަ ގިވަންއަށް ތަޖްރިބާކާރުން އަރައި، އެ ހާދިސާއާ ގުޅޭ މުހިންމު މައުލޫމާތު ހޯދާނެ ކަމަށެވެ. ތަހުގީގުގައި އެ ބޯޓުގެ ސަލާމަތީ ކަންކަމާއި ފަޅުވެރިންގެ އަމަލުތައް ހުރި ގޮތްވެސް ބަލާނެ ކަމަށާއި، ފިޔަވަޅު އަޅަން އެނގޭނީ ތަހުގީގަށް ފަހު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ބޯޓު ފުންކުރި ނަމަވެސް، އަދިވެސް އެބޯޓު އޮތީ، ސުއޭޒް ކެނަލްގެ މެދުގައި އޮންނަ ގްރޭޓް ބިޓަ ލޭކުގައި އެންކަރުކޮށްފަ އެވެ.
ދުނިޔޭގެ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލަނީ 193 ކިލޯމީޓަރު (120 މޭލު) ދިގު، މެޑިޓެރޭނިއަން އާއި ރަތް ކަނޑު ގުޅުވާލަ ދޭ ސުއޭޒް ކެނަލް އިންނެވެ. އޭޝިއާ އިން ޔޫރަޕަށް ދަތުރުކުރާ ބޯޓު ފަހަރު އެފްރިކާ ވަށާލާފައި ދަތުރުކުރާ ނަމަ ދަތުރަށް ދެ ހަފުތާވަރު އިތުރުވެ އެވެ.