ކ.ހުރާގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުން އަންނާތީ، އެޗްޕީއޭއިން އެ ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވައި ދެންމެ ނެރުއްވި އެންގުމުގައި ވަނީ މި ހިނދުން ފެށިގެން، 7 ދުވަހުގެ މުއްދަތަށް ހުރާގައި ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
ހުރާގައި އަޅާފައިވާ ފިޔަވަޅުތައް:
1.ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދުމަށް ދާ ދިއުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން.
2.އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި ޢާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުން.
3.އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
4.ޕާޓީތަކާއި, ހަފްލާތަކާއި, ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
5.ޑެލިވަރީގެ ޚިދުމަތް ފިޔަވައި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން.
6.ސެލޫންތަކާއި, ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
7.ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
8.ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެ އެޖެންސީން ޢާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
9.ފިރާތަކާއި، ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތްދޭއިރު، އެޗްޕީއޭއިން
ޢާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއިި،
ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.
10.ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
ހުރާއިން މިހާތަނަށް 104 މީހުން ޕޮޒިޓިވްވެފައިވާއިރު، 122 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.