ކޮވިޑާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ޅ.ނައިފަރުގައި ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދުމަށް ދާ ދިއުން ފިޔަވައި އެހެނިހެން ބޭނުންތަކަށް, މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުމަށް އަންގާފައެވެ.
އޭގެ އިތުރުން އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި ޢާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުމަށާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.
ހަމައެހެންމެ ހޮޓާތަކާއި, ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަން ވެސް އަންގާފައިވެއެވެ. ނަމަވެސް ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނޭކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހަމައެއާއެކު ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. އަދި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެ އެޖެންސީން ޢާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އަންގާކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މީގެ އިތުރުން ފިރާތަކާއި، ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތްދޭއިރު، އެޗްޕީއޭއިން
ޢާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމަށާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމަށާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ. އަދި ހަމައެހެންމެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއިި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.
މި ހުރިހައި ފިޔަވަޅުތައް ވެސް އަޅާފައިވަނީ 07 ދުވަހުގެ މުއްދަތަށެވެ.
ނައިފަރުގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން އަންނައިިރު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު އުޅެނީ 50 އަށްވުރެ މަތީގައެވެ.