ފިލްމީ ތަރި ޖުމައްޔިލް ނިމާލުގެ މައްޗަށް ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދަޢުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ، ޖުމައްޔިލުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ހ)އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދަޢުވާއުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ ހުސްވި މަހުގެ 25 ވަނަ ދުވަހުގައިކަމަށެވެ.
ޖުމައްޔިލު ޖިންސީ ގޯނާކުރިކަމަށް ބުނެ އޭނާގެ ދެބެންގެދެދަރި އަންހެން ކުއްޖަކުވަނީ އެ ވާހަކަ ޓްވިޓާރގައި ކިޔައިދީފައެެވެ. އޭނާ ބުނި ގޮތުގައި އެކަން ހިނގީ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. އޭރު އޭނާއަށް 17 އަހަރުވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.
އޭނާ ކިޔައިދިން ގޮތުން ޖުމައްޔިލުކުރި އަނިޔާއަށް އޭރު އިންސާފު ނުލިބުނީ ޕީޖީ އޮފީހަށް މައްސަލަ ދިޔަފަހުން، ބާރުގަދަ ބަޔަކު މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން މައްސަަލަ އޮއްބައިލުމުންނެވެ.
މި މައްސަލައިގައި ޖުމައްޔިލުގެ މައްޗަށް ދަޢުވާ އުފުލައިފައިވާއިރު، އަނިޔާ ލިބުނު އަންހެން ކުއްޖާ ވަނީ ޕީޖީ ޝަމީމްގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. އެ ގޮތުން މި މައްސަަލަ ބައްލަވާނެކަމަށް ޕީޖީ ވިދާޅުވިއެވެ. އެއަށްފަހު ޕީޖީ އޮފީހުން މައްސަލަ އަލުން މުރާޖަޢާކުރަން ނިންމިއެވެ.