ދިވެހި ފުލުހުންގެ އިދާރާއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިތަކަކާއި އެކު 5 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވަނީ، އަތޮޅު ތެރޭގެ 4 ރަށެއްގެ އިތުރުން ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަން ތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި އޮތް ޓެކްސީއެއްގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވާއިރު މި ދެމީހުންނަކީވެސް ބަންގްލަދޭޝް ރައްޔިތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މާރިޗު މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ދެމީހުން ތިބި ޓެކްސީގެ ފަހަތު ޝީޓުން 28 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ އިދާރާއަށް، ދަރަވަންދޫގައި ބަނގުރާ ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް އޮޕަރޭޝަނެއް ވަނީ ހިންގާފައިވެއެވެ. އިންޓެލިޖެންސާ ދަރަވަންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މި މާރިޗު މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަމަކާއި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
މީގެ އިތުރުންވެސް ފުލުހުން ވަނީ، އއ. ތޮއްޑޫ، ހއ. އިހަވަންދޫ އަދި ރ. ދުވާފަރުގައިވެސް މަސްތުވާ ތަކެއްޗާއި ދެކޮޅަށް އޮޕަރޭޝަން ތަކެއް ހިންގާފައެވެ. އެގޮތުން ތޮއްޑޫއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓާއި އެކު 27 އަހަރުގެ ދިވެހި ފިރިހެނަކު އެރަށުން ހައްޔަރު ކޮށްފައިވާއިރު، ހއ. އިހަވަންދޫއިން ވަނީ، 21 އަހަރުގެ ދިވެހި ފިރިހެނެއް މަސްތުވާ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ.
ރ. ދުވާފަރުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އުމުރުން 31 އަހަރުގެ ފިރިހެނަކު ވަނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާއި ދެ ސެލޯފިންކޮޅާއި އެކު ހައްޔަރު ކޮށްފައެވެ.