އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕިއެންސީގެ ރައީސް އަދި މިހާރު އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިން ހުންނެވި، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މާދަން ކުރިމިނަލް ކޯޓަށް ހާޒިރު ވުމަށް އަންގައިފިއެވެ.
އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދައްކައިގެންނެވެ. އަދުރޭގެ މައްޗަށް ދައުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ. އެމާއްދާގައި ވަނީ އާންމު މަސްލަހަތައް ގެއްލުން ހުރި އަމަލުކުރުމުގެ ކުށްތަކެވެ. އެގޮތުން އެމާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައްކުރުރުމުގެ ކުށެވެ. އެއީ ޖުނަހްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.
އަދުރޭ މާދަން ކުރިމިނަލް ކޯޓަށް ހާޒިރުވާން އަމުރު ކޮށްފައިވަނީ، ހެނދުނު 11:00 އަށެވެ. މާދަމާގެ އަޑުއެހުމަކީ، ޝަރީއަތް ފެށުމުގެ ކުރިން ދެފަރާތުން ހުށައަޅާ ކަންކަމުގެ މައްޗަށް ވާހަކަ ދެއްކުމަށް ބާއްވާ އިބްތިދާއީ އަޑުއެހުމެކެވެ.