އާރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅޭކަމަށާއި، ކޮންސެޕްޓް ޕްލޭން މިހާރު ތައްޔާރުކުރެވިފައިވާ ކަމަށެވެ. އަދި ލޭންޑް ސްކޭޕިންއާއި، އިތުރު މަސައްކަތްތަކުގެ ޑީޓެއިލް ޑިޒައިނިންގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.
އެނބޫދޫ ފިނޮޅުގައި ހިއްކާފައިވާ ކްރޮސްރޯޑްގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރަން ސަރުކާރުން މީގެ ކުރިން މަސައްކަތް ފެށިއެވެ. އެހެންނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން އެ މަސައްކަތްތައް އޮތީ މަޑުޖެހިފައެވެ. މަބްރޫކް ވަނީ އެ މަސައްކަތް އަލުން ފަށަން ތައްޔާރުވެފައިވާކަން ވެސް ހާމަކުރައްވައިފައެވެ.