ހިޖުރައިން 1363 ވަނަ އަހަރު ރަބީޢުލްއައްވަލް މަހުގެ ފަހުކޮޅުގައި، އެ މަނިކުފާނު އައްޑުއަށް ވަޑައިގެން، ”އައްޑޫ ގަޑުބަޑު“، އާދެ، އައްޑޫގައި ހުރި ބައެއް މައްސަލަތައް ހައްލުކުރެއްވެވިއެވެ. އެއަށްފަހު އައްޑޫގެ ވެރިއެއްކަމުގައި ސިއްކަ ޢަލީ މަނިކުފާނު ބެހެއްޓެވިއެވެ.
ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުމަށްފަހު، އިނގިރޭސިވިލާތުގެ ބޯޓެއްކަމަށްވާ ”އެޗް.އެމް.އެސް. މާލޮއީ“ ގެ ފަޅުވެރިންނާއެކު މަންޒިލަށް ވަޑައިގަތުމަށް ދަތުރު ފެށްޓެވިއެވެ.
”ބޯޓަކީ އޭގެ ކުރީގައި ”ގްލޯބް-6“ ނަމަކަށް ކިޔުނު ކުޑަ ބޯޓެކެވެ. އިނގިރޭސީން މިބޯޓު ހޯދުމުގެ ކުރިން، މިއީ ނޯވޭގައި ބޮޑުމަސް ހިފަން ގެންގުޅުނު ”ވޭލަރު“ ބޯޓެކެވެ. ހަނގުރާމައިގެ ތެރޭގައި މިބޯޓު ވަނީ ”މައިންސްވީޕަރު“ އަކަށް އިނގިރޭސީން ހަދާފައެވެ. މިއީ ކަނޑުގައި އަޅާފައި ހުންނަ މައިން ފަދަ ގޮވާ އެއްޗެތި ނެގުމަށް ތައްޔާރުކޮށްފައިވާ ބޯޓެކެވެ. އެޗް.އެމް.އެސް. މާލޮއީގައި ފަޅުވެރިންނަށް ތިބީ ނޯވޭގެ މީހުންނެވެ.“ ތާރީޚީ ޢިލްމުވެރިޔާ ނަސީމާ މުޙައްމަދު ލިޔުއްވި މަޒުމޫނެއްގައި އެޗް.އެމް.އެސް. މާލޮއީ ސިފަކޮށްދެއްވައިފައިވެއެވެ.
އެ މަނިކުފާނު ފެށްޓެވި މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށްވީ ހައްދުންމައްޗެވެ. އެއަށްފަހު އެ ކޮޅުމަޑުލަށް ވަޑައިގަތެވެ. ހަމައެހެންމެ ހިޖުރައިން 1363 ވަނަ އަހަރުގެ ރަބީޢުލްއާޚިރު 01 ވީ އާދީއްތަ ދުވަހު ނުވަތަ 1944 ވަނަ އަހަރުގެ މާރިޗުމަހުގެ 26 ގައި ކޮޅުނބަށް ފުރާވަޑައިގަތެވެ.
އެ މަނިކުފާނޭތޯއެވެ. އާދެ، އެއީ ސުމުއްވުލް އަމީރު މުޙައްމަދު އަމީންދީދީ ވިދާޅުވެފައިވާ ”އޭނާ ކުރެއްވި ޚިދުމަތްތަކުގެ ދިގުމިން ބަލާނެ ފީތާއެއް، ފުންމިން ބަލާނެ މުޑުތެއް، ބަރުމިން ބަލާނޭ ތިލަފަތެއް ނުވާ“ ބޭފުޅާއެވެ.
އާދޭހެވެ. ޑޮންލުއީ ނުވަތަ ދޮންލުއީގެ ފުތް، ހުރާ ދޮންމަރުދުރު ފަނޑިއަތްތަކުރުފާނުންގެ ފުތް، ޙުސައިން ދަހަރަދަ ކަލޭގެފާނުގެ ފުތް، މުޙައްމަދު ފާމުދޭރި މަނިކުފާނުންގެ ފުތް، އަލްޣާޒީ ޙަސަން ޢިއްޒުއްދީން ( ދޮންބަންޑާރައިން ) ގެ ފުތް، އައްސުލްޠާން ޙަސަން ނޫރައްދީނުގެ ފުތް، މުޙައްމަދު މުޢީނުއްދީނުގެ ފުތް، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނުގެ ފުތް، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ދަރިކަނބަލުން އަލްއަމީރާ ދޮންގޮމާގެ ލޮބުވެތި ދަރިކަލުން އަލްއަމީރު ޙަސަން ފަރީދުދީދީއެވެ. ނުވަތަ ޑޮންލުއީގެ ފުތް، ހުރާ ދޮންމަރުދުރު ފަނޑިއަތްތަކުރުފާނުންގެ ފުތް، އިބްރާހިމް އެދުރުތަކުރުފާނުގެ ފުތް، ޢަލީ ބޮޑުމުރީދު ތަކުރުފާނުންގެ ފުތް، ޙުސައިން ދޮށިމޭނާކިލެގެފާނުގެ ފުތް، އަޙްމަދު ދޮށިމޭނާކިލެގެފާނު، ނައިފަރުގޭ މަރްޔަމް މަނިކެއާއި ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިކަލުން ޢަލީ ދޮށިމޭނާކިލެގެފާނާއި، މާލޭ ދީނުކަލޭފާނުގެ މަރްޔަމް މަނިކެއާއި ދެމަފިރިކަނބަލުންގެ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ލޮބުވެތި ދަރިކަލުން އަލްއަމީރު ޙަސަން ފަރީދުދީދީއެވެ.

ކޮޅުނބަށް ފުރާވަޑައިގަތުންވީ އެ މަނިކުފާނުގެ ފަހު ދަތުރުފުޅަށް:
ކަންވީ ކިހިނަކުންތޯއެވެ. ހިޖުރައިން 1363 ވަނަ އަހަރުގެ ރަބީޢުލްއާޚިރު 01 ވީ އާދީއްތަ ދުވަހާއި ޖެހިގެންއައި ދުވަހު އިނގިރޭސީންގެ އުޅަނދުފަހަރު ހަލާކުކުރުމުގެ ނިޔަތުގައި، އިންޑިއާ ކަނޑުގައި އުޅުނު ޖަރުމަނުވިލާތުގެ “ޔޫ- 510 (U-510)“ ސަބްމެރީންގެ ޝިކާރައަކަށް ”އެޗް.އެމް.އެސް.މާލޮއީ“ ހަދައިލިއެވެ.
ތާރީޚީ ޢިލްމުވެރިޔާ ނަސީމާ މުޙައްމަދު ބަޔާންކުރެއްވި ގޮތުގައި، މި ހިތާމަވެރި ހާދިސާ ހިނގީ، އިންޑިއާގެ ”ކޭޕް ކޮމޯރިން“ ގެ 160 ނޯޓިކަލް މޭލު ދެކުނުން، 05.25 N ، 77.32 E ، ހައި ހިސާބުގައެވެ.
މި ހިތާމަވެރި ހާދިސާގައި ބޯޓުގެ ކޮމާންޑަރާއި ކުރޫންގެ 16 މީހުން މާސިންގާ ކަނޑުގެތެރެއަށް ޣަރަޤުވެދިޔައީއެވެ. ހަމައެހެންމެ ދިވެހިން އެ ބޭފުޅަކަށް އިންތިޒާރުކުރި، ލޮބުވެތި އަލްއަމީރު ޙަސަން ފަރީދުދީދީ ވެސް ކަނޑުގެތެރެއަށް ޣަރަޤުވެދިޔައީއެވެ.
މާރިޗު 31 ވަނަ ދުވަހުގައި ވީ ކިހިނެއް:
”އެޗް.އެމް.އެސް.މާލޮއީ“ ގެ ޚަބަރު ދިވެހިންނަށް ލިބުނީ 1944 ވަނަ އަހަރުގެ މާރިޗުމަހުގެ 31 ދުވަހުގައެވެ. އެ ދުވަހު ދެއެއްޖަހަން އުޅެނިކޮށެވެ.
”ޗީފް ސެކެޓްރީގެ ކިބައިން އަމީންދީދީއަށް. އަލްއަމީރު ޙަސަން ފަރީދުދީދީ ދަތުރުކުރެއްވި މަނަވަރު ދުޝްމިނުންގެ ހަރަކާތުން ފެތިއްޖެކަމުގައި ޤަބޫލުކުރެވިއްޖެ ވާހަކަ، ވަރަށް ބޮޑު ހިތާމައާއެކުގައި އަންގަމެވެ. ސިޓީއެއް މީގެ ފަހަތުން އެބަ ފޮނުވަމެވެ.“ ކޮޅުނބުގައި ހުންނަ އިނގިރޭސީންގެ ޗީފް ސެކްރެޓަރީ، އަޅުގަނޑުމެންގެ ލޮބުވެތި ސުއްމުވުލްއަމީރުލް މަރުޙޫމު މުޙައްމަދު އަމީންދީދީއަށް ފޮނުއްވެވި ވައިރުލެސް މެސެޖުގައިވާކަމަށް ނަސީމާ މުޙައްމަދު ބަޔާންކުރައްވައިފައިވެއެވެ.
އާދޭހެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި ދިވެހިންނަށް ލިބުނު މި ހިތްދަތި މެސެޖުން މުޅި ޤައުމު ރޮއްވައިލިއެވެ. މުޅި ޤައުމު ހިތާމައިގެ ސާލު އޮޅައިލިއެވެ. އެހެނީ އެ ތަދުމަޑު ދުވަސްވަރުގައި ސަރުކާރު ހިންގެވުމުގެ އެންމެ މުހިންމު އެއް ލީޑަރަކީ އެ މަނިކުފާނެވެ. އެ މަނިކުފާނަކީ، އިންޑިއާ ކަނޑުގައި ހަނގުރާމައިގެ ފޯރިގަދަވެގެންދިޔަ ހިނދު ވެސް، ހުޝިޔާރުކަމާއެކު އެތައް ދަތުރުފުޅެއް ކުރައްވައި، އެތައް ޤުރުބާނީއެއްވެ ވަޑައިގެންނެވި ބަޠަލެކެވެ. މަތިވެރި ރައްބު އެ މަނިކުފާނަށް ރަޙްމަތް ލައްވާށިއެވެ!
ހަވާލާ ލިސްޓް:
(1)އަލްއަމީރު ޙަސަން ފަރީދު ގެއްލިވަޑައިގަތުން-ނަސީމާ މުޙައްމަދު
(2) މި ޒަމާނުގެ ދިވެހިރާއްޖޭގެ ޙަޤީޤީ ބައްޕަ- މަރްޙޫމް އަމީންދީދީ