ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އަކީ ސަރުކާރުގެ މެންބަރުން ބޭނުންވެވަޑައިގަންނަވާ ގޮތަށް ފިޔަވަޅު އަޅައިދޭ ”ޕަޕެޓެއް“ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ށ.ބިލެތްފަހީ ކައުންސިލްގެ ރައީސް ޒިޔާދު ސަސްޕެންޑްކުރި ޚަބަރާއި ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ސަރުކާރުގެ މެންބަރުން ބޭނުންވެވަޑައިގަންނަވާ ގޮތަށް ފިޔަވަޅު އަޅައިދޭ ”ޕަޕެޓެއް“ ކަމަށެވެ. ހަމައެހެންމެ މި ސަރުކާރުގެ މިސްރާބުހުރީ ޚުދުމުޚުތާރުކަމުގެ މަގަށްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
”އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން ހުއްޓުވައި، ޑިމޮކްރަސީގެ ތަހުޒީބީ މަގަށް ސަރުކާރު ރުޖޫޢަވާންޖެހޭ.“ ޝަރީފް ވިދާޅުވިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް އައްޝައިޚް އިމްރާން ސޮއިކުރައްވައި، ށ.ބިލެތްފަހީ ކައުންސިލްގެ ރައީސް ޒިޔާދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޒިޔާދުގެ އިހުމާލުން، އެ ކައުންސިލުގެ އިދާރާއާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި، މަގު ބައްތިތަކުގެ ކަރަންޓު ބިލުތައް ގިނަ ދުވަސްތަކެއް ވަންދެން ދައްކާފައިނުވާތީ، އެ ތަންތަނުން މިއަދުގެ ވަގުތެއްގައި ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލުމަށް ފެނަކައިން، ބިލެތްފަހީ ކައުންސިލުގެ އިދާރާއަށް ނޯޓިސްދީފައިވާކަމުގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
އެ ގޮތުން މި މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން މަޤާމުގެ މަސްއޫލިއްޔަތުތަކުން ޒިޔާދު ދުރުކުރަން ނިންމާފައިވާ ކަމަށެވެ. މަޤާމުގެ މަސްއޫލިއްޔަތުތަކުން ޒިޔާދު ދުރުކުރަން ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ.
ޒިޔާދަކީ ލޯކަލް ކައުންސިލު އިންތިޚާބުގައި ބިލެތްފަހީ ކައުންސިލުގެ ރައީސްކަމަށް، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓެކެވެ.