ކޮވިޑާއި ގުޅިގެން ރާއްޖެ ގަތުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ ޚިޔާނާތުގެ މައްސަލަ ނުބެލެނީ އުންސުރު ފުރިހަމަ ނުވާތީ ނޫންކަމަށާއި، އެކަން ނުބެލެނީ ޤައުމީ ކުލުނު ނެތުމުންކަމަށް އެމްއެންޑީއެފުގެ ކުރީގެ ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވެއްޖެެއެވެ.
ޢަލީ އިޙްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުރިހައި ފަނޑިޔާރުން ތަޙްޤީޤުކޮށް، މަދު ދުވަސްކޮޅެއްގެތެރޭގައި ފަނޑިޔާރުން ޢައްޔަންކޮށް ހުރިހައި އުންސުރެއް ހަމަކުރެވުނު ކަމަށެވެ. ނަމަވެސް ދުވާލު މެންދުރު ކުރި ބޮޑު ވައްކަމެއްގެ ސާބިތު ހެކިތައް ފެންނަން ހުރިއިރު މިއަދު މި އުޅެނީ އުންސުރު ހަމަނުކުރެވިގެން ކަމަށެވެ.
”ނެތީ ޤައުމީ ކުލުނު. އުންސުރެއް ނޫން.“ އުންސުރު ހަމަނުވާކަމަށް ބުނާ ވާހަކައަށް ރައްދުދެއްވައި، އިޙްސާން ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ތަޙްޤީޤުކުރުމަށްފަހު، ދަޢުވާކުރަން އެދި އޭސީސީން ދެ ފަހަރު މަތިން ޕީޖީއަށް ފޮނުވުމުން އެ މައްސަލައިގައި އުންސުރު ހަމަނުވާކަމަށް ބުނެ، ދަޢުވާނުކުރަން ނިންމުމަށްފަހު، ޕީޖީ އޮފީހުން މިހާރު ވަނީ މައްސަލަ އަލުން މުރާޖަޢާކުރަން ނިންމައިފައެވެ.