ދެކުނު އިރުމަތީ އޭޝިއާ (އޭޝިއަން) ގައުމުތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަ ކުރުމަށްޓަކައި އެކުލަވާލާފައިވާ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ސިޓީއަކީ، ދެކުނު އޭޝިއާގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ މުއާހަދާ ކަމަށްވާ ”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ (އޭޝިއަން)“ ރާއްޖޭގައި ތަސްދީގުކުރެއްވުމަށް މަޖިލީހުން ފެންނަގޮތެއް ނިންމުމަށް ހުށަހަޅުއްވާފައިވަ ސިޓީއެވެ.
ވަޒީރުންގެ މަޖިލީހުން މިދިޔަ މަހުގެ ދެވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ މުއާހަދާ ރާއްޖޭގައި ތަސްދީގުކުރުމަށް ނިންމަވާފައެވެ.
އެހެންނަމަވެސް އެ މުއާހަދާގައި ރާއްޖެއަށް ބައިވެރިވެވޭނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރިޕޯޓު އެކުލަވާލުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
އެ މުއާހަދާއަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއެކު އޮންނަ އިންޓާ ސްޓޭޓް ގުޅުންތައް ވަރުގަދަކޮށް އެއް ކޯޑެއްގެ ދަށުން މުއާމަލާތްތައް ހިންގާނެ ގޮތްތަކެއް ކަނޑައެޅިގެންދާ މުއާހަދާއެކެވެ.
ދެކުނު އިރުމަތީގެ ގައުމުތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމަށް އެކުލަވާލާފައިވާ އެ މުއާހަދާގައި އެހެން ގައުމުތަކުންވެސް ބައިވެރިވުމަށް ބާރުއަޅައެވެ.