މިޔަންމާގެ އަސްކަރިއްޔާއިން ގައުމަށް އަތްގަދަކޮށްގެން އުޅޭތީ އާންމުން އެކަމާ ދެކޮޅަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް މަރާލާފައިވާ މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް އަރައިފި އެވެ.
މިދިޔަ މަހުން ފެށިގެން މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުމަކީ އެގައުމަށް ޑިމޮކްރެޓިކް ބަދަލެއް ގެނައުމުން އަސްކަރީ ބާރުތަކުން އެކަމާ ނުރުހުން ފާޅުކޮށް ގައުމު އެ ފަރާތްތަކުގެ އަތްދަށަށް ދިޔުމުން ހިންގާ ހަމަނުޖެހުމެވެ.
އެކަމާ ދެކޮޅަށް އެތައް އާންމުންގެ ބަޔަކު މުޒާހަރާ ކުރަމުންދާއިރު ސިފައިންނާއި ފުލުހުން ވަނީ އެތައް ބަޔަކު މަރާފައެވެ. އަދި މިހާރުވެސް ދަނީ އެތައް ބަޔަކު މަރަމުންނެވެ.
އިއްޔެ އެކަނިވެސް ވަނީ 14 މީހަކު މަރާލާފައެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު މަރަމުންދާއިރު ރައްޔިތުންގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
މިދިޔަ މަހުން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހަކީ އެންމެ ބިރުވެރި އެއް ދުވަހެވެ.
ފާއިތުވި ދެ މަހުގެ ތެރޭގައި މިޔަންމާގައި އެންމެ ގިނަ އަދަދަކަށް އެއް ދުވަހެއްގެ ތެރޭގައި މީހުން މަރާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަނިވެސް ވަނީ 141 މީހުން މަރާލާފައެވެ.