ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން މެންޑޭޒް ލޮސް އެންޖެލެސްގައި ދިރިއުޅޭ ގެއަށް ބަޔަކު ވަދެ އޭނާ ގެންގުޅޭ ކާރެއް ވަގަށް ނަގައިގެން ގޮސްފިއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ކެމިލާ ކެބޭޔޯވެސް މިހާރު ދިރިއުޅެމުންދާ އެ ގެއަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވަނީ އެ ދެމީހުންވެސް ގޭގައި ތިއްބައި ކަމަށް އެ ދެމީހުން ބުނެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އެ ގެއަށް ބަޔަކު ވަދެ ވައްކަން ކުރަން ފުރަތަމަ އުޅުނީ ކުޑަދޮރެއް ތަޅާލުމަށްފަހުގައެވެ.
ނަމަވެސް ގޭތެރެއަށް ވަނުމުގެ ބަދަލުގައި އެނބުރި ދިޔައީ ޝޯން އާއި ކެމިލާ ގޭގައި ތިބުމުން ކަމަށް ފުލުހުން ބުނެއެވެ.
ގޭތެރެއަށް ނުވަދެ އަނބުރާ ދިޔަ ނަމަވެސް ވައްކަން ކުރަން ދިޔަ މީހުން ގޯތިތެރެ ދޫކޮށް ދިޔައީ ހުސް އަތާއެއް ނޫނެވެ.
އެމީހުން ގޯތިތެރެ ދޫކޮށް ދިޔައީ ޝޯންގެ މާސީޑީޒް ބޭންޒް ޖީ ވެގަން އުޅަނދު ވަގަށް ނަގައިގެން އެ ހިފައިގެންނެވެ.
ފުލުހުން ބުނެފައިވަނީ އެ ސަރަހައްދަށް ފުލުހުން ދިޔައިރު ވައްކަން ކުރަން ދިޔަ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
އެ މައްސަލަ މިހާރުވެސް ފުލުހުން ބަލަމުން ގެންދާއިރު އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، ގެއްލުނު އުޅަނދުވެސް އަދި ފެނިފައި ނުވާ ކަމަށެވެ.