މި އަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހ.ކެތި އައިމިނަތު އަރީޖް ހުސެއިން، ޕީޖީ އޮފީހުގައި އަދާކުރަމުންދިޔަ ވަޒީފާ، ނުވަތަ އެ ވަޒީފާ އާ އެއްފެންވަރެއްގެ އެހެން ވަޒީފާއެއް ހަމަޖައްސައިދިނުމަށް ޕީޖީ އޮފީހުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
އޭރު ހުންނެވި ޕީޖީއަށް ލިބިފައިވާ އިންޓަލިޖެންސް މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް އައިމިނަތު އަރީޖްއާ ދެކޮޅަށް ހުށަހަޅި މައްސަލައެއްގެ މަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން އައިމިނަތު އަރީޖް ކޮމިޓީއަަށް ހާޒިރުކޮށް ޖަވާބެއް ހޯދަން ޖެހޭނެ ކަމަށް ޕީޖީއަށް ނުފެންނާތީ އާއި އައިމިނަތު އަރީޖް މެދުވެރިކޮށް ޕީޖީ އޮފީހުގެ ބައެއް ލިޔެކިޔުންތަކާއި ނިންމުންތައް ލީކުވެފައިވާ ކަމަށް ޕީޖީ ދިން މަޢުލޫމާތުގެ މިންވަރަށް ބަލައި އޭނާ ކޮށްފައިވާ އަމަލަކީ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކި ކުރެވިދާނެ އަމަލެއް ކަމަށް ކޮމިޓީން ނިންމައި ޕަބްލިކް ޕްރޮސިކިއުޓާގެ ވަޒީފާއިން ހ.ކެތި އައިމިނަތު އަރީޖް ހުސެއިން، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ވަކިކޮށްފައެވެ.
ވަޒީފާއިން ވަކި ކުރުމާ ގުޅިގެން އައިމިނަތު އަރީޖްގެ ފަރާތުން އެ މައްސަލަ ވަނީ ވަޒިފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅާފައެވެ.
އެ މައްސަލަ ބަލައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، އަރީޖް ވަޒީފާއިން ވަކި ކޮށްފައި ވަނީ އެކަށީގެންވާ ހަމައެއް އޮވެ، މައުލޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމަށް ފަހުގައި ކަމަށް ސާބިތުވާ މިންވަރަށް ޕީޖީ އޮފީހުގެ ފަރާތުން ހެކި ހުށަހަޅާފައި ނުވާތީ އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒިފާއާބެހޭ ޤާނޫނާ ހިލާފަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 2 ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައި ވާތީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިއާދަކުރެވެން ނެތްކަމާއި، އަދުލުވެރި ބަދަލެއްގެ ގޮތުގައި 153،569 ރުފިޔާ ޕީޖީ އޮފީހުން އައިމިނަތު އަރީޖަށް ދޭން ޖެހޭ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ.
އެ ނިންމުން ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ ޕީޖީ އޮފިހުން އެ ނިންމުން ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަގައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އަރީޖުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އައިމިނަތު އަރީޖް ޕީޖީ އޮފިހުގައި އަދާކުރަމުން ދިޔަ ވަޒީފާ، ނުވަތަ އެއާ އެއްފެންވަރުގެ އެހެން ވަޒީފާއެއް މި އަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހަމަޖައްސައި ދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން އެއްވެސް މިންވަރަކަށް ގާއިމްކުރުމެއް ނެތި ކަމަށެވެ.
އެހެންކަމުން ބަދަލެއްގެ ގޮތުން އަސާސީ މުސާރައިގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ 11،158 ރުފިޔާގެ ނިސްބަތުން ހަ މަސްދުވަހުގެ އަސާސީ މުސާރައަށްވާ 66948 މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިނުމަށް ޕީޖީ އޮފީހަށް އަންގައި މި މައްސަލަ ބެއްލެވި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާކަމަށްވެސް ހުކުމްގައިވެއެވެ. އަދި މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމާއި ޓްރައިބިނަލުން ނިންމާފައިވާ ނިންމުން ބާތިލް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.