ށ.ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބްދުﷲ ޒިޔާދު ސަސްޕެންޑްކޮށްފިއެވެ.
މިކަން އަންގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިއަދު ޒިޔާދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ށ.ބިލެތްފަހި ކައުންސިލްގެ ރައީސް ޒިޔާދުގެ އިހުމާލުން, އެ ކައުންސިލުގެ އިދާރާއާއި, ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި، މަގު ބައްތިތަކުގެ ކަރަންޓު ބިލުތައް ގިނަ ދުވަސްތަކެއް ވަންދެން ދައްކާފައިނުވާތީ، އެ ތަންތަނުން މިއަދުގެ ވަގުތެއްގައި ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލުމަށް ފެނަކައިން ބިލެތްފަހީ ކައުންސިލުގެ އިދާރާއަށް ނޯޓިސްދީފައިވާކަމުގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
އެ ގޮތުން މި މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން މަޤާމުގެ މަސްއޫލިއްޔަތުތަކުން ޒިޔާދު ދުރުކުރުމަށް މި މަހުގެ 28 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އެ އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާކަމަށް ވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވި ސިޓީގައި ބުނެފައިވެއެވެ. މަޤާމުގެ މަސްއޫލިއްޔަތުތަކުން ޒިޔާދު ދުރުކުރަން ނިންމާފައިވަނީ މި މަހުގެ 30 އިން ފެށިގެން މައްސަލަ ބަލައި ވަކި ގޮތެއް ނިންމުމާއި ހަމައަށެވެ.
”އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލުގެ އިދާރާއަށް ހާޒިރު ނުވުމަށާއި، ކައުންސިލުގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ނުކުރުމަށާއި، އެއްވެސް ހައިސިއްޔަތަކުނ ކައުންސިލު ތަމްސީލު ނުކުރުމަށް ދަންނަވަން.“ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ ޒިޔާދުގެ ހަވާލުގައި ކައުންސިލުގެ އެއްވެސް ލިޔުމެއް ނުވަތަ މުދަލެއްވާނަމަ، މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ ލިޔުމެއް ނުވަތަ އެ މުދަލެއް ކައުންސިލުގެ އިދާރާއާއި ހަވާލުކުރެއްވުމަށް ޒިޔާދަށް އަންގާފައިވެއެވެ.
މި ސިޓީ ޓްވިޓާރގައި ހިއްސާކުރައްވައި ޒިޔާދު ވިދާޅުވީ ”އަޅުގަނޑުމެން މައިދާނަށް ނުކުންނަނީ ދުނިވެރިން ދުނި އުކާނެކަން ދަނެގެން“ ކަމަށެވެ. އަދި ދޮންވެ ފައްކާވެފައި އޮތަސް ވިހައެއް މޭވާއަކަށް ނުވާނެކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.
”މާތް ﷲ ގެ އިރާދަފުޅާއެކު މި ފަހަރު ވެސް، މި އިންތިޚާބު އަޅުގަނޑު ކާމިޔާބު ކުރާނަން. އިންޝާﷲ“ ލޯކަލް ކައުންސިލު އިންތިޚާބުގައި ބިލެތްފަހީ ކައުންސިލުގެ ރައީސްކަމަށް, ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ޒިޔާދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.