އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދަށް ފުރިހަމައަށް އިތުބާރު އޮތްކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު ޖާބިރު ނިންމެވުމާއެކު، އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ފަނުފުލުން ހިނގައްޖެއެވެ.
މި މަހުގެ 10 ވަނަ ދުވަހުގައި، އިދިކޮޅު ކޯލިޝަނުން މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހަށް ހުށަހެޅީ އެ ކޯލިޝަންގެ 09 މެންބަރުންގެ އިތުރުން ޖާބިރުގެ ސޮޔާއެކުގައެވެ.
ޒަހާ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރެވިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ޖާބިރު ވަނީ އަނބުރާ ސޮއި ގެންދަވާފައެވެ. އެހެންކަމުން ބާކީ ތިބީ ޖުމްލަ ނުވަ މެންބަރުންނެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 10 މެންބަރުންގެ ސޮޔާއެކުގައެވެ.
ސޮއި އަނބުރާ ގެންދެވިކަން ބަޔާންކުރައްވައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ އެ ލިޔުމުގައި އޭނާ ސޮއިކުރެއްވީ މިނިސްޓަރު ޒަހާއާއި ހަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރެއްވެވުުމުން ކަަމަށެވެ. ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ލިބެމުން އަންނަ ގެއްލުންތައް އިތުރުވެފައިވާއިރު، ދައުލަތުގެ މިނިސްޓަރަކާއި ސަރުކާރުން ހަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެއްވެވޭކަން ފާހަގަކުރެއްވެވުމުން ކަމަށެވެ. އެ ގޮތުން އެ މިނިސްޓަރަކު ޖަވާބުދާރީކުރައްވާން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގައި ދެމި ހުންނެވުމަކީ ކުރައްވާންޖެހޭ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.
އެހެނަސް ޒަހާއަށް އިތުބާރުކުރައްވައި ސޮއި ނެންގެވީ، ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ކަނޑުގެ ޚަޒާނާ ހުޅުވައިލުމަށާއި، ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން ސަރުކާރުން މަސައްކަތްކުރަމުންދާތީ، އެކަމަކީ މަސްވެރިންނާއި ދަނޑުވެރިންގެ ޙައްޤުގައި ޒަހާ ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ނަތީޖާކަން ޤަބޫލުކުރެއްވޭތީކަމަށް ޖާބިރުގެ ސިޓީގައި ވިދާޅުވިއެވެ.