ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ތަކުގެ އިންތިހާބަށް، ކެމްޕެއިން ކުރުމުގެ ގޮތުން، މަގުތައް މަތީ ދިދަ ފަތި ފަދަ ތަކެތި ދަމާއިރު، ސަމާލުވުމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން މިހެން ބުނެފައިވަނީ، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރައްތަކުގައި ފޯރިއާއި އެކު ކެމްޕެއިންގެ ހަރަކާތްތަށް ކުރިއަށްދާ ދުވަސްވަރެއްގައެވެ. މާލޭގެ އިތުރުން ގިނަ ރައްތަކެއްގައި ވަނީ، މަގުތައް މަތީ ދިދަ ތައް އެކި ކުލައިން ދަމާފައެވެ.
މިކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކެމްޕެއިން ކުރުމަށް، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެކި ފަރާތްތަކުން ދަމާފައިވާ ދިދަފަތިތައް ދަމާފައިވަނީ، ރައްޔިތުންނަށާއި، ދުއްވާ ތަކެއްޗަށް އުނދަގޫވާގޮތަށް ތިރިން ކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެހެންކަމުން މިހާރު ކުރަމުންދާ ވިއްސާރާގައި ގަދަވަޔާއެކު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކިސަރަހައްދުތަކުގައި މިގޮތަށް ދަމާފައިވާ ބެނާ އަދި ދިދަފަތިތައް ކަނޑައިގެންގޮސް ވެއްޓިފައިވާތީ މިތަކެތި ނިސްބަތްވާ ސިޔާސީ ޕާޓީތަކުންނާއި، ކެންޑިޑޭޓުން ވީއެންމެ އަވަހަކަށް މިތަކެތި ނަގައި ސާފުކުރުމަށްވެސް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.