ޕްރޮސިކިއުޓާޖެނެރަލް ހުސެއިން ޝަމީމުގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މެންބަރު މީކާއިލް، ޕީޖީގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފައްދާފައި މި ވަނީ އޭސީސީ އިން ތަހުޤީޤު ކުރަމުން އަންނަ މައްސަލައެއްގެ ވާހަކަ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޕީޖީ ޝަމީމު ދެއްކުމާއި ގުޅިގެންނެއެވެ.
މީކާއިލް ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރަންއޮވެ އަދި މަޖިލީހާއި އިދާރާތަކުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ ވައްކަމުގެ ލަޤަބު އެމްޑީޕީގެ ސަރުކާރުގައި ޖެހެމުންދާތީ ބިރުގަންނަކަމަށެވެ. މީކާއިލް ވިދާޅުވީ އެމްޑީޕީގެ އަސާސްތައް ނެތިދާކަމަށް ހީވާހީވުމަކީ ބިރުގަންނަ ކަމެއްކަމަށާއި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ސަރުކާރަކުން ފިޔަވަޅު އަޅަންޖެހޭހާ ބާރުމިނުގައި ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.
މީކާއިލް ވިދާޅުވީ ޝަމީމް ޕީޖީގެ ގޮތުގައި ބަހައްޓައިގެން ކުރިއަށްދިއުމަށް އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ލަދުގަންނަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މީކާއިލް ވިދާޅުވީ އެމްޑީޕީ ވަގު ޓެގުން ސަލާމަތްކުރަން ބޭނުންވާނަމަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުންތައް ލައިވް ކުރަންޖެހޭ ކަމަށާއި، އަދި އެކަން ޕީޖީ ލީޑަރަށް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.