ކޮވިޑް-19ގެ ތެރޭގައި ވެންޓިލޭޓަރުތައް ގަތުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެ މައްސަލަ ބަލައިދީ އެކަމުގައި ޝާމިލުވާ ފަރާތްތައް ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް މައްސަލައެއް ހުށަހަޅައިފިއެވެ.
ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލައިގެ ފުރިހަމަ ތަހުގީގެއްކޮށް، އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އެ ފައިސާ ހޯދުމަށް ގޮވާލައި މިއަދު ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅިއިރު ދެން ހުށަހަޅާފައިވަނީ އާންމު މައްސަލައެއްގެ ގޮތުގައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.
ހަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދިޔަ އަހަރު 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްވެސް ގެރެންޓީއަކާ ނުލާ އެޑްވާސްއަށް 31 މިލިއަން ރުފިޔާ އަށް ކަމަށް އެ މައްސަލައިގައި ބުނެއެވެ.
”ނަމަވެސް މިއަދާ ހަމައަށް ވެންޓިލޭޓަރު ލިބިފައެއް ނުވޭ. އަދި ލިބޭނެ ކަމެއްވެސް ނޭނގޭ،“ ހަލީމް ވިދާޅުވިއެވެ.
އެ ވައްކަމާ ގުޅިގެން ކުރެވޭނެ ދައުވާއެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމާފައިވާތީ އެ މައްސަލައަކީ އިތުރަށް އެކަމުގައި ބަލައި ޖަވާބުދާރީ ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެކަމާ ގުޅިގެން މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.,