ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފުރުޞަތު ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން ފުރުޞަތު ހުޅުވާލަފައި ވަނީ އެ ކޯޕަރޭޝަނުގެ އެކި ބޭނުންތަކަށް އިމާރާތްކޮށް ތަރައްޤީ ކުރާ ޔުނިޓުތައް އެ ކޯޕަރޭޝަނާ ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށެވެ.
މިއަދު އިފްތިތާހުކުރެވުނު ފުރުޞަތުގެ އެއް ބޭނުމަކީ އެ ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ މީހުން އުފެއްދު ކަމަށާއި އެ މަސައްކަތްކުރާނެ ފުރިހަމަ ޕްލެޓްފޯމެއް ގާއިމުކޮށްދިނުން ކަމަށެވެ.
ސޭލްސް އެޖެންޓުންގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 އަށް އެޗްޑީސީން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކުން ރަޖިސްޓްރީވުމަށް ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ އިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 500 ރުފިޔާއެވެ.
އެ ޕްރޮގްރާމުގެ ދަށުން ހިންގޭ ތަމްރީނުގައި ބައިވެރިވެ އެސެސްމަންޓުގެ އެންމެ މަތިން މާކްސް ހޯދާ 1 ފަރާތަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ތަމްރީނުތަކުގެ އިތުރުން އެ ފަރާތްތަކުން ވިއްކާ ޔުނިޓްތަކަށް ކޮމިޝަނެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.