މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ އެންގުން ބާތިލުކުރުމަށް ނިންމުމުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ޓެކްސީތަކަށް ކުރާ ގެއްލުން ކުޑަކުރުމަށްޓަކައި ޓެކްސީތަކުގެ ހިދުމަތްދޭ ގަޑި އިތުރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވަނީ މިދިޔަ އަންގާރަ ދުވަހު ހުށަހަޅާފައެވެ.
އޭރު އިރު އޮއްސި 18:00 އިން ފެށިގެން ޓެކްސީ ދުއްވާ މީހުން ހާއްސަ ހުއްދައެއް ނަގަން ޖެހޭގޮތަށް އޮތުމުން ތަފާތު ދަތިތަކާ ކުރިމަތިވާ ކަމަށް ހުސައިން މުހައްމަދު ވިދާޅުވިއެވެ.
އޭނާ ފުރަތަމަ މައްސަލަ ހުށަހަޅަން އުޅުނީ ބުދަ ދުވަހުގެ ޖަލްސާގައި ކުއްލި މައްސަލައެއްގެ ގޮތުގައެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަކީ ކުއްލި މައްސަލައަކަށްވާ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ، އާންމު މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް މަޖިލީހުގެ ރައީސް އިރުޝާދު ދެއްވިއެވެ.
އެކަމާ ގުޅިގެން އެ މައްސަލަ އާންމު މައްސަލައެއްގެ ގޮތުގައި ހުށަހެޅިއިރު އެ މައްސަލައިގެ ފުރަތަމަ ކިޔުން އިއްވުން ތާވަލުކޮށްފައިވަނީ މިއަދަށެވެ.
އެހެންނަމަވެސް ބުރާސްފަތި ދުވަހުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސިޓީގައި ވަކި ވަގުތެއްގައި ވެހިކަލް ދުއްވުން މަނާވާ ނިންމުން އަނބުރާ ގެންގޮސްފައެވެ.
މާލެ ސަރަހައްދުގައި އެ ގަޑިތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ މިދިޔަ މަހުގެ 12 އިން ފެށިގެންނެވެ.
މިއަދުގެ ޖަލްސާގައި މައްސަލަ ހުށަހަޅަމުން ހުސައިން މުހައްމަދު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ލިބިފައިވާތީ މައްސަލަ އަނބުރާ ގެންދާ ކަމަށެވެ.
އެހެންނަމަވެސް ޓެކްސީ ޑްރައިވަރުންގެ ތަފާތު ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން އިތުރު މައްސަލައެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.