ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފުލުހުންގެ ބޯޑަށް އާންމުންގެ ފަރާތުން މެމްބަރަކު ކަނޑައެޅުމަށް ހުޅުވާލުމުން ކުރިމަތިލީ ހަ ފަރާތެއްގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
ފުލުހުންގެ ބޯޑަށް އާންމުންގެތެރެއިން އައްޔަންކުރާ ދެ މެންބަރުންގެ ތެރެއިން އެއް މެންބަރަކު އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 15 ގައެވެ. އެއަށްފަހު އަނެއްކާ ހުޅުވާލުމުން ހަ ފަރާތެއް ވަނީ އެމަގާމަށް ކުރިމަތިލާފައެވެ. އެއީ:
އިބްރާހީމް ތައުފީގު މޫނިސް، މއ. ރިހިވިލާގެ
މުހައްމަދު އިމްރާން ޝަރީފް، މ. ތަންތަރާ
ޝަފާ ޝަރީފް، ދެތަނޑިމާގެ، ސ. ހުޅުދޫ
އަހުމަދު އުސައިދު ހަސަން، ލަކީ ސްޓާ، ގދ. ހޯނޑެއްދޫ
އައިޝަތު ރަޝީދު، ކޮކާގެ، ސ. ފޭދޫ
ހައްވާ ރީނާ، މ. ދިއްގަލި
އެ ފަރާތްތަކުގެ ނަން ދިރާސާކުރުމަށް މިއަދު ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުލުހުންގެ ބޯޑަށް، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރު އައްޔަންކުރަން ރުހުންދޭން ފެންނަކަމަށް ވަނީ މި މަހުގެ 15ގައި ފާސްކޮށްފައެވެ.
ފުލުހުންގެ ބޯޑަށް އާންމުންގެތެރެއިން ދެ މެންބަރަކު އައްޔަންކުރާއިރު، ހާމިދުގެ އިތުރުން އެ މަގާމަށް މީގެ ކުރިން ހަތަރު ބޭފުޅަކު ކުރިމަތިލިއެވެ. ނަމަވެސް ހާމިދު ފިޔަވައި ދެން ތިއްބެވި ބޭފުޅުންނަށް ރުހުންދިނުމަށް، މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ނުފެންނާތީ، އެ މަގަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާން ކޮމިޓީން ނިންމީއެވެ.