ދުނިޔޭގެ އެންމެ ބިޒީ ވިޔަފާރި ރޫޓް ކަމަށްވާ ސުއޭޒް ކެނަލްގައި ތާށިވެފައިވާ ބޮޑު ކޮންޓެއިނާ ބޯޓު ހަ ވަރަކަށް ދުވަސް ފަހުން ފުންކޮށްފިއެވެ.
މިސްރުގެ ސުއޭޒް ކެނަލްގައި މިދިޔަ އަންގާރަދުވަހު ވަނީ 400 މީޓަރުގެ ބޮޑު ބޯޓެއް ތާށިވެފައެވެ. ގަދަ ވަޔާއި ގޯސް މޫސުމުގެ ސަބަބުން އެ ބޯޓު ތާށިވެ މުޅި ކެނަލް އެއްކޮށް ބަންދުވެފައި ގިނަ ދުވަސްވަންދެއް އޮތުމަށްފަހު ކެނަލް އަލުން ހުޅުވާލުމުގެ އުއްމީދު އާ ވެގެން ގޮސްފިއެވެ.
ބޭރުގެ ނޫސްތަކުން ބުނާގޮތުގައި އެ ބޯޓުން ފުން ކޮށްފައިވަނީ ލޯކަލް ގަޑީން 04:30 ހާއިރެވެ.
މިސްރުގެ ލެތު އެޖެންސީ އިން ބުނެފައިވަނީ ކެނަލްގައި ތާށިވެފައިވާ ބޯޓު ވަނީ މިހާރު ފުންކުރެވިފައި ކަމަށެވެ. އެހެންނަމަވެސް ބޯޓު އަދި އެއްކޮށް ފުން ނުކުރެވޭ ކަމަށް ހާމަކޮށްފައިވެއެވެ.
އެހެންކަމުން އެއްކޮށް ބޯޓު ފުން ކުރެވޭނެ އިރެއް އަދި ނޭނގޭތީ ކެނަލް އަލުން ހުޅުވާލެވޭނެ ވަގުތެއް ނޭނގެއެވެ.
ސުއޭޒް ކެނަލް އޮތޯރިޓީއިން އެކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ހާމަކޮށްފައެއް ނުވެއެވެ. އެ އޮތޯރިޓީއިން ހާމަކޮށްފައިވާގޮތުގައި މިވަގުތުވެސް އެ މަގުން ދަތުރުކުރުމަށް 369 އުޅަނދު މަޑުކޮށްގެން ތިބި ކަމަށް އޮތޯރިޓީއިން ބުނެއެވެ.
ބައިނަލްއަގުވާމީ ޓްރޭޑްގެ ގާތްގަނޑަކަށް 12 ޕަސެންޓް ދަތުރުތައް ކުރާ މަގަކީ ސުވޭޒް ކެނަލް އެވެ. އެ މަގުން މެޑިޓެރޭނިއަން ކަނޑުން ރެޑް ސީއަށް ގުޅުވާލަދެއެވެ. އަދި އެ މަގަކީ އޭޝިއާ އާއި ޔޫރަޕާ ދޭތެރޭ ދަތުރުކުރުމަށް އޮތް އެންމެ ކުރު ރާސްތާވެސް މެއެވެ.
ސުވޭޒް ކެނަލްގައި މިވަގުތު ތާށިވެފައިވާ އުޅަނދަކީ ޓައިވަނީސް ޓްރާންސްޕޯޓު އުޅަނދެކެވެ. އަދި އެ އުޅަނދުގައި 200،000 ޓަނު ހުންނާނެއެވެ. އެ ބޯޓު އެއްކޮށް ފުންކުރެވޭނެ ދުވަސް އަންނާނެ ކަމުގެ އުއްމީދުގައި ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިން ތިބީ ކެތްމަދުވެފައެވެ.