13 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ރޭޕް ކުރި މީހަކު 3 މަހަށް ޖަލަށްލާ 1000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
އިންޑިއާގެ އުތްރަޕްރަދޭޝްގެ ކޯޓަކުން މި ހުކުމް ކޮށްފައިވަނީ، އުމުރުން 87 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ.
ހުކުމް ކުރަމުން ކޯޓުގެ ގާޒީ ބުނެފައިވަނީ، 13 އަހަރުގެ ކުއްޖާ ރޭޕް ކުރިކަން ސާބިތުވާވަރަށް ހެކި ލިބިފައި ނުވާ ކަމަށާއި، އެހެން ނަމަވެސް އެ ކުޑަ ކުއްޖާ އޭނާ އަށް ޖިންސީ ގޯނާ ކުރީ، އުމުރުން 87 އަހަރުގެ މީހާ ކަމަށް ކޯޓުގައި ބުނެފައިވާތީ، އޭނާގެ މައްޗަށް އެހުކުމް ކުރީ ކަމަށެވެ. އަދި އެހެން ކަމުން 1000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމާއި އެކު 3 މަހަށް ޖަލަށް ލާން ނިންމީ ކަމަށެވެ.
މިކަމާއި ގުޅިގެން ކުޑަ ކުއްޖާގެ ވަކީލު ބުނެފައިވަނީ، މިއީ ބަލައިގަންނަން ދަތި އަދި އެހާމެ ދަށު ދަރަޖައިގެ ހުކުމެއް ކޯޓުން ކުރި ފަހަރެއް ކަމަށެވެ. އަދި އެކުއްޖާ ރޭޕް ކުރިކަމަށް ހެކި ނެތް ކަމަށް ބުނެފައިވަނީ، އެކަށީގެންވާ ވަރަށް މައްސަލަ ބަލާފައި ނުވުމުން ކަމަށްވެސް ވަކީލް ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި އެންމެ މަތީ ކޯޓުތަކަށްވެސް ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އިންޑިއާ އަކީ، ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނައިން ރޭޕް ކުރުމުގެ މައްސަލަތައް ފެންމަތިވާ ގައުމެވެ. އެހެން ނަމަވެސް ރޭޕް ކުރާ މީހުންނަށް އިންޑިއާގެ ކޯޓުތަކުން ފަސޭހައިން ސަލާމަތްވެ އަނބުރާ މުޖްތަމައުއަށް ނެރެމުން ދާކަންވެސް ފާހަގަކޮށްލެވެއެވެ.