ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދު މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސަވިސް (މެޓް އޮފީސް) އިން ބުނެފައިވަނީ މިއަދުގެ އެކި ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ވުން އެކަށީގެންވާ ކަމަށެވެ.
އެގޮތުން މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާ އެއް ސަރަހައްދަކީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އާ ދެމެދެވެ. އަދި ދެވަނަ އަށް ޔެލޯ އެލާޓް ނެރެފައިވަނީ ދ. އަތޮޅާއި ފ. އަތޮޅާ ދެމެދަށެވެ.
އެ ދެ ސަރަހައްދަށް ވަރަށް ބާރަށް، ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު ގުގުރުމާއެކު ވައިވެސް ވަރަށް ގަދަވާނެއެވެ. އެގޮތުން އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ވައި އިތުރަށް ގަދަވެ ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ދެ ސަރަހައްދުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދަށް ވައިޓް އެލާޓެއްވެސް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.