ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލާދެމެދު ބަހުގެ ހަމަލާތައް ހޫނުވެ ބަހުސަކަށް ވަޑައިގަންނަވާން ނިންމަވައިފިއެވެ.
ރައީސް ނަޝީދާއި، މިނިސްޓަރު ފައްޔާޟްގެ ޒުވާބު ކުރިއަށްދިޔައީ އެމްޑީޕީގެ ޤައުމީ މަޖިިލިސް ވަޓްސްއެޕް ގުރޫޕުގައެވެ. އެ ގުރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރު ފައްޔާޟް ފޮރުއްވަވާން ކުރައްވާ މަސައްކަތްޕުޅުތަކުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އެ ވިދާޅުވާ ”ފޮރުއްވެވުމަކީ“ ކޮބައިކަމެއް ސާފުކޮށް ވިދާޅެއް ނުވެއެވެ.
މި މެސެޖާއި ގުޅިގެން ފައްޔާޟް ވިދާޅުވީ އެ ބޭފުޅާ ފޮރުއްވަވާން ނުޖެހޭނެކަމަށެވެ. ހަމައެހެންމެ މިއީ ނޯތު ކޮރެއާ ނޫން ކަމަށާއި، ޚުދުމުހުތާރު އުސޫލުގެތެރެއިން ކަންކަން ނުކުރެއްވޭނެ ކަމަށެވެ.
މީގެ އިތުރުން ފައްޔާޟް ވިދާޅުވީ މީހަކު އެއްޗެއް ބުނާއިރަށް ރައީސް ނަޝީދު ތެދުވެވަޑައިގަންނަވާން ނުޖެހޭނެ ކަމަށާއި، ”އަޅުގަނޑުމެން ލައިގެން ތިބެވޭނީ ވަކިވަރަކަށް“ ކަމަށެވެ. އަދި މި ސިކުންތަށްވުރެ ދުރަށް އަމިއްލަ ސަލާމަތަށް ނުބައްލަވާ ކަމަށެވެ.
ފައްޔާޟްގެ މެސެޖާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ނިކުންނަވައި މި ހުންނެވީ އެމްޑީޕީތެރޭގައި ކޮރަޕްޝަން ހުއްޓުވާން ކަމަށެވެ. ހަމައެހެންމެ ފައްޔާޟާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާން ލަދުގަންނަކަމަށެވެ.
ރައީސް ނަޝީދުގެ މެސެޖާއި ގުޅިގެން ފައްޔާޟް ވިދާޅުވީ މިއީ އޭނާގެ ވެސް ޤައުމު ކަމަށާއި، އެހެންކަމުން ޤައުމުގެ ކަންކަމުގައި ބަސް ވިދާޅުވާނެ ކަމަށާއި، ހުއްޓުވޭނެ އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.
މި ވާހަކައަށް ރައްދުދެއްވައި ރައީސް ނަޝީދު ވަނީ މިއީ ކާކުގެ ޤައުމެއްކަން އޮޅިވަޑައިގެން ނޫޅުއްވާ ކަމަށާއި، ވާހަކަދެއްކެވީ ފައްޔާޟް އަމިއްލައަށް ކަމަށެވެ.
ރައީސް ނަޝީދުގެ މެސެޖާއި ގުޅިގެން ފައްޔާޟް އިތުރަށް ވިދާޅުވެފައިވަނީ ޢާންމުންނަށް ފެންނަ ގޮތަށް އެ ވާހަކަ ދެއްކެވުމަށް ވަޑައިގެންނެވުމަށެވެ. ނޫންނަމަ ބަހުސަކަށް ވަޑައިގަތުމަށެވެ.
ފައްޔާޟްގެ މި ދަޢުވަތު ޤަބޫލުފުޅުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި ކުރިއަށް ވަޑައިގެންނެވުމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޕީއެސްއެމް ރަނގަޅުވާނެ ކަމަށެވެ.
ނަމަވެސް އެ ގޮތް މުޅިން ކަމުނުދާކަމަށް ވިދާޅުވެ ފައްޔާޟް ވަނީ ހުރިހައި މީޑިއާތަކަށް ދަޢުވަތުދެއްވަން ހުށަހަޅުއްވާފައެވެ.
ފައްޔާޟްގެ ވާހަކައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޕީއެސްއެމް ހަމަޖެއްސުމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފަށް ދަންނަވާފައިވާ ކަމަށެވެ.
އެއީ ހަޖަމުކުރައްވާން އެނގިވަޑައިގެންނެވުން ކަމަށާއި، މަޖިލީހުގައި ޢަމަލުކުރައްވާ ގޮތަށް ޢަމަލުނުކުރެއްވުން ކަމަށް ވިދާޅުވެ ފައްޔާޟް ޝަރުޠު ހުށަހެޅުއްވިއެވެ.
ހަމައެހެންމެ ދައްކަވާން ހުރި ވާހަކަތަކަށް ފުރުސަތު ދެއްވަންވާނެކަމަށް އެދިވަޑައިގަތުމުން ރައީސް ނަޝީދު ވަނީ އެ ގޮތް ޤަބޫލުފުޅުކުރައްވާފައެވެ.
Dhe munaafigun kulhey duraama eh