ރ. މަޑުއްވަރީގައި 14 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ސަރުކާރުގެ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ޖެންޑާ މިނިސްޓްރީއަށް ހުށަހަޅަން ދިޔަ ސިޓީ ބަލައިގެންފިއެއެވެ.
މަޑުއްވަރީގައި ބަޔަކު ވެގެން ކުޑަކުއްޖެއް ރޭޕްކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެކަމާ ގުޅިގެން ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ޖެންޑާ މިނިސްޓްރީ ކުރިމައްޗަށް އެއްވެފައެވެ.
އެންމެ ފުރަތަމަ ސިޓީ ހުށަހަޅަން ދިޔައިރު ޖެންޑާ މިނިސްޓްރީއިން ސިޓީ ބަލައިގަނެފައެއް ނުވެއެވެ. އެއީ ސަރުކާރުގެ ރަސްމީ ވަގުތު 1400 ޖެހިއިރު ހަމަވުމުން އެ ސިޓީ ބަލައިގަނެވެން ނެތުމުން ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެއެވެ.
އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ޖެންޑާއަށް ގޮސް ވަރަށް އެދުމުން ސިޓީ ބަލައިގަނެފައިވާ ކަމަށެވެ.
އެ ސިޓީއަކީ ރާއްޖޭގައި ރޭޕްގެ ކޭސްތައް އިތުރުވެފައިވާތީ ސަރުކާރުން އެކަމަށް ފިޔަވަޅު އަޅާތަން ނުފެންނާތީ ހުށަހަޅާފައިވާ ސިޓީއެއް އޭނާ ވިދާޅުވިއެވެ.
އަދި އެ އެއްވުމުގައި ވާހަކަދައްކަވަމުން އިދިކޮޅުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އަންހެނުންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުން ފިޔަވަޅު އަޅާތަން ނުފެންނަ ކަމަށެވެ.
އަދި އަންހެނުންގެ ހައްގުތައް ހޯދައިދެވެން ނެތް ކަމުގައިވާނަމަ ސަރުކާރު އިސްތިއުފާ ދިނުމަށްވެސް ހީނާ ވަނީ ގޮވާލާފައެވެ.