ރަޝިއާގެ ސީރިއަލް ރޭޕިސްޓެއް އިންޓަވިއު ނެގުމުގެ ސަބަބުން އެގައުމުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއް ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
ސީނިއާ ސޮބްޗަކް ނަމަކަށް ކިޔާ ޕްރެޒެންޓަރެއް ވަނީ 70 އަހަރުގެ ސީރިއަލް ރޭޕިސްޓެއް އިންޓަވިއުކޮށްފައެވެ. އޭނާއަކީ ފުރާވަރު އުމުރުގެ ދެ އަންހެން ކުދީން ކިޑްނެޕްކޮށް ރޭޕްކުރުމުގެ މައްސަލައިގައި 2005 އިން ފެށިގެން 2017ގެ ނިޔަލަށް ޖަލު ހުކުމެއް އަދާކޮށްފައިވާ މީހެކެވެ.
އެމީހާ ވަނީ ދެ ކުޑަކުދިންވެސް ކިޑްނެޕްކޮށްގެން ގެންގޮސް ހަތަރު އަހަރު ވަންދެއް އޭނާގެ ގޭގެ ބޭސްމެންޓްގައި ބަހައްޓާފައެވެ.
ރަޝިއާގެ އިންޓީރިއާ މިނިސްޓްރީއިން ބުނާގޮތުގައި އެ ރޭޕިސްޓް، މޯކޯވް ނުވަތަ ”ސްކޮމިން މޭނިއެކް“ ވަނީ އެކުދިން ގެންގޮސްފައިވާ މުއްދަތުގައި އެކި ކަހަލަ ގޮތްގޮތަށް އަނިޔާކޮށްފައެވެ.
އެމީހާގެ އިންޓަވިއު ނެގުމަށްފަހު ސޮބްޗަކް ވަނީ އިންޓަވިއު ޔޫޓިއުބްއަށް ލާފައެވެ. އެކަމާ ގުޅިގެން މޯކޯވްގެ ފަރާތުން ރޭޕްގެ ޝިކާރައަށްވި އެކަކު ކަމަށްވާ އެކަޓަރީނާ މާޓިނޯވާ ބުނެފައިވަނީ މޯކޯވް އާ ދެކޮޅަށް އަނެއްކާ ކްރިމިނަލް މައްސަލައެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބިނާކޮށްފައިވާނީ އިންޓަވިއުއިން ދެއްކި ވާހަކައަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެ އިންޓަވިއުގައި މޯކޯވް ދައްކާ ވާހަކައިން އޭނާއަކީ ގޯސް މީހެއްކަން އޭނާ އަމިއްލައަށް ގަބޫލު ނުކުރެވޭ ކަމަށް އިޝާރާތްކުރެއެވެ. އަދި އޭނާ ރޭޕްކުރި ދެ ކުދީންގެ ތެރެއިން އެކަކާ ބައްދަލުކޮށް އަލުން ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށްވެސް އޭނާ އިންޓަވިއުގައި ބުނެފައިވެއެވެ.
އިންޓަވިއުގެ ސަބަބުން އެމީހާގެ ފަރާތުން އަނިޔާ ލިބުނު އެންމެނަށް އެކި ކަހަލަ ބިރުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އެތައް ބަޔަކު ދަނީ އިންޓަވިއު ނެގި ފަރާތް ގޯސްކޮށް ގޮވަމުންނެވެ.
އެކަމާ ގުޅިގެން އެންމެފަހުން ސްޓޭޓް ޕެނެޓެންޝަރީ ސާވިސް އާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މައްސަލަ އިތުރަށް ދައުވާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.