ފުލުހުންގެ އައު ޤާނޫނާއެކު މިހާރަށްވުރެ ބޮޑަށް، ކުރިއަށް އޮތްތަނުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ފުލުހުންގެ އައު ޤާނޫނު ތަޞްދީޤު ކުރެއްވީ ހުސްވި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުގައެވެ.
މި ޤާނޫނަށް މިއަދު ޢަމަލުކުރަން ފަށާފައިވާއިރު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ޤާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރެއްވި ހުވަޔާއެކު ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. ހަމައެހެންމެ ކުރިއަށް އޮތްތަނުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”ފުލުހުންގެ އާ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމުން އެންމެހާ ފުލުހުންނަށް ތަހުނިޔާ އަރިސްކުރަން. އާ ޤާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރެއްވި ހުވަޔާއެކު ޚިދުމަތުގެ ފެންވަރުމަތިވެ، މިހާރަށްވުރެ ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށް ޤަބޫލުކުރަން.“ ރައީސް ކުރެއްވި ޓްވީޓުގައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެެއްވި ޓްވީޓެއްގައި ވަނީ އައު ޤާނޫނާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އުންމީދުކުރާފަދަ މުއައްސަސާއަކަަށް ހެދިގެންދާނެކަމަށް ވިދާޅުވެފައެވެ.