ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ސިވިލް ސާރވިސް މުވައްޒަފުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ނޮޅިވަރަމް ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ ރައްދު ދެއްވައިފިއެވެ.
މެންބަރު ނަޝީދު، ސަލީމްގެ އެ ވާހަކަތަކަށް ރައްދުދެއްވާފައި ވަނީ ދިޑެއިލީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ނަޝީދު އެ ވާހަކަތަކަށް ރައްދު ދެއްވާ ވިދާޅުވީ ވޯޓްލެވޭ ކަމަށް ވާނަމަ ކޮންމެ ރައްޔިތަކަށް ވެސް ބަސް ބުނެވެން ޖެހޭނެ ކަމަށާއި އެއީ ފަނޑިޔާރަކު ކަމުގައި ވީ ނަމަވެސް އެމީހަކު ދެކޭގޮތް ބުނެވެން ޖެހޭނެ ކަމަށެވެ. ފަނޑިޔާރު ފަޑިޔާރަކަށް ވާނީ ކޯޓުގައި އިންނަވާ ވަގުތުކޮޅު ކަމަށާއި ނަމަވެސް އޭނާ ވޯޓްލާ ކަމަށް ވާ ނަމަ އޭނާ އެ ބޭނުންވާ ކަމެއް އެ ބޭހުންވާ ގޮތަކަށް ކުރެވެން ޖެހޭނެ ކަމަށެވެ.
”އަޅުގަނޑު ދެކޭގޮތުގައި ސިވިލް ސާރވިސް މުވައްޒަފުންނަށް ވެސް ވަކި ހުދޫދެއްގެ ތެރެއިން އެކަން ކުރެވެން ޖެހޭނެ ކަމަށާއި އެ ހުދޫދުން ބޭރުވެގެން ގޮސް އެކަން ނުކުރެވޭނެ ކަމަށް. ވަޒީފާ އަދާ ކުރާ ވަގުތުގައި މަސައްކަތް ރަނގަޅަށް ކުރުމަށް ފަހު ވަޒީފާގެ ވަގުތު ނިމުމުން އެ މީހަކު ބޭނުން ސިޔާސީ ފިކުރަކަށް ތާއިދު ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއް ވެސް މައްސަލައެއް އޮތްކަމެއް ކަމަށް ނުފެނޭ.“ ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ސަލީމް މަޖިލީހުގައި ސިވިލް ސާރވިސް މުވައްޒަފުންނާއި އަމާޒު ކުރައްވާ ދެއްކެވި އެ ވާހަކަތަކަކީ މެންބަރު ސަލީމް ގަބޫލްކުރާ ގަބޫލުކުރުންތައް ކަމަށެވެ.