މަޝްހޫރު އެކްޓަރު އަދި ކުރީގެ މޮޑެލް މިލިންދު ސޮމަން އަށްވެސް ކޮވިޑް-19 ޖެހިއްޖެ އެވެ.
ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންދަނިކޮށް މިލިންދު ހާމަކޮށްފައިވަނީ އޭނާވެސް ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ދާދި ފަހުން އާންމުކުރި ސިޓީއެއްގައި މިލިންދު ބުނެފައިވަނީ ބަލިމަޑުކަން ފެތުރެން ފެށުމާއެކުވެސް އޭނާ އާއި އޭނާގެ އާއިލާއިން ވަނީ ރައްކާތެރިވެ ތިބުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ކަމަށެވެ.
އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނާ ހަމައަށް ވާނީ 30 އަށްވުރެ ގިނަ ފަހަރު އޭނާ ކޮވިޑްގެ ޕީސީއާރު ޓެސްޓް ހަދާފައި ކަމަށް އޭނާ ބުންޏެވެ.
މިލިންދު ބުނެފައިވަނީ އޭނާއަށް ވައިރަސް ޖެހުނު ގޮތެއް ބުނަން ދަތި ކަމަށެވެ. އެހެންނަމަވެސް އޭނާ ބޭރުގެ ދަތުރެއްގައި އުޅެ އަނބުރާ ނިއު ދިއްލީއަށް ގޮސް އެއް ދުވަހަކު ދުވަން ދިޔައިރު ވަރަށް ވަރުބަލި ކަމަށް ފާހަގަވި ކަމަށް އޭނާ ބުންޏެވެ.
އަދި ބޮލުގައި ރިއްސައި ހުން ގަދަ ވުމުން ޓެސްޓް ކުރިއިރު އޭނާ ވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެފައި ކަމަށް މިލިންދު ބުނެއެވެ. އޭނާ މިވަގުތު ހުރީ ހޯމް ކަރަންޓީންގައި ކަމަށްވެސް އޭނާ ބުނެއެވެ.
މިލިންދުގެ އިތުރުން އާމިރު ހާން އަށްވެސް ވަނީ ދާދި ފަހުން ކޮވިޑް-19 ޖެހިފައެވެ.