ކޮވިޑާއި ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ބެއްލެވުމުގައި ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް ފެއިލްވެފައިވާ ކަމަށާއި، މަޤާމުން އިސްތިއުފާދެއްވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނު ރައީސްކަން ކުރައްވާ އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސްއެޕް ގުރޫޕަށް ފޮނުއްވެވި މެސެޖެެއްގައެވެ.
ކޮވިޑާއި ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުރީގެ ހެލްތު މިނިސްޓަރު އަމީން ހިމެނިވަޑައިގަންނަވާހެން، އެ މިނިސްޓްރީގެ 11 މުވައްޒަފުންގެ މައްޗަށް ދަޢުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވިއެވެ.
ނަމަވެސް ލިބުނު އާ މަޢުލޫމާތުތަކަށްފަހުގައި ވެސް ދަޢުވާ ނުކުރަން ނިންމީ، ކުރިން ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، ޖިނާޢީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
މި ގޮތުން ގިނަ ބޭފުޅުން މިކަމަށް ފާޑު ވިދާޅުވެ ޕީޖީއަށް ނުރުހުން ފާޅުކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައީސް ނަޝީދު މިރޭ ފޮނުއްވެވި މެސެޖެެއްގައި ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ ބެއްލެވުމުގައި ޕީޖީ ޝަމީމް ފެއިލްވެފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ގަތުމަށް ސަރުކާރުން ފައިސާ ދީފައިވާއިރު، ވެންޓިލޭޓަރުތައް އަދިވެސް ނުލިބޭ ކަމަށާއި، ދެން އުންސުރޭ ވިދާޅުވުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލުކުރެއްވިއެވެ.
އެހެންކަމުން ޕީޖީ ޝަމީމް އިސްތިއުފާ ދެއްވަންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
75 ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ފައިސާދީފައިވާއިރު، އަހަރު ދުވަސްވީއިރު ލިބުނީ 15 ވެންޓިލޭޓަރެވެ. ހަމައެހެންމެ ލިބުުނު ވެންޓިލޭޓަރުތަކުގެ ބައެއް އާލާތްތައް މަދުވެފައިވާއިރު ޝަރުތު ހަމައެއްނުވެއެވެ.