އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހައްޔަރު ކޮށްފި އެވެ.
މިއަދުގެ މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ ބައިވެރިވެފަ އެވެ.
އެގޮތުން މެމްބަރު ލަތީފް ހައްޔަރު ކޮށްފައިވަނީ، ހީނާމާގޭ ޕާކިން ސަރަހައްދުގައި އަޑުފުލަމުން ދަނިކޮށެވެ. މެންބަރު ލަތީފްގެ އިތުރުން 7 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ، އިންޑިޔާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލަމުންނެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫޢުގެ ދަށުން ދީފައިވާ ފްލެޓް ތައް ހައްގުވެރިންނަށް ދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.