އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކުރަނީ، އެމަނިކުފާނުގެ ކެމްޕެއިންނަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ކެމްޕެއިންނަށް ސަރުކާރުން ހުރަސްއެޅުމަށް އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމާއި، އަބުރު ކަތިލުމަށް އަދުގެ ސަރުކާރުން އަންގައިގެން މާރޗް މަހުގެ 23 ވަނަ ދުވަހަށް އޭސީސީއަށް ހާޒިރުވާން އަންގާފައި ވާކަމަށެވެ. އަދި އޭސީސީއަށް ހާޒިރު ކުރި ނަމަވެސް ކުރިމަތ ކުރުވާ ސުވާލުތަކަށް މާތްﷲ ގެ ވާގިފުޅާއި އެކު ފުރިހަމައަށް ޖަވާބު ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އޭސީސީއަށް ހާޒިރު ކުރަނީ ސީދާ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި ނޭނގެއެވެ. އެހެން ނަމަވެސް ބެލެވޭ ގޮތުގައި މި މައްސަލައަކީ ރާޅުގަނޑު ސަރަހައްދުގައި ހިންގި ނިއުޕޯޓު ވީއު ކުއްޔަށް ދިނުމާއި ގުޅިގެން ކަމަށް ވަނީ އަޑު ފެތުރިފައެވެ.
މިކަމާއި ގުޅިގެން މީގެ ދުވަސް ކޮޅެއް ކުރިން އެމަނިކުފާނު އޭސީސީއަށް ހާޒިރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތައް ވަނީ ބުނެފައެވެ. އަދި މިއީ ސަރުކާރުން ޑރ މުއިއްޒު ދެކެ ފަސްޖެހިވަޑައިގެން ކުރައްވާ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.