ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހިމްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ، ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހިމާއި ހަވާލުކޮށްފައިވާ ކޯޓުތަކަށް ދަތުރުކުރައްވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި އަދާކުރައްވާންޖެހޭ ޒިންމާއަށް އިހުމާލުވެވަޑައިގަންނަވާފައިވާ ކަމަށާއި، ކޯޓުގެ މުވައްޒަފުންނާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި ދައްކަވާކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ ގޮތުން މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން އެ މައްސަލަ ތަޙްޤީޤުކުރަން ނިންމާފައިވާކަމަށް ޖޭއެސްސީން ބުންޏެވެ. އަދި މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި، މައްސަލަ ތަޙްޤީޤުކުރަން ކޮމިޓީ އެކުލަވައިލާފައިވާކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.