ދ.ހުޅުދެލީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ހުޅުދެލީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރު ތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް، މި މަހު 18 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
ހަމައެހެންމެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަައްދު ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
39.8 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ހިމެނޭއިރު، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.
ހަމައެއާއެކު 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތާއި، 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. އޭގެ އިތުރުން 1645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.