ޤާނޫނާއި ޚިލާފަށް އެމްޑީޕީގެ ލޯގޯއާއި ކުލަ، އިދިކޮޅު ޕީޕީއެމްގެ ކެމްޕޭނުގައި ބޭނުންކުރަމުންދާކަމަށް ބުނާ މައްސަލަ ބަލައި ފިޔަވަޅުއަޅައިދިނުމަށް އެދި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ލޯގޯ އާއި، ކުލަ، ޕީޕީއެމްއިން ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން ގެންދާ ގެންދިއުން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
އެ ޕާޓީން ބުނީ ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުގައި، އެމްޑީޕީގެ ލޯގޯއާއި ކުލަ، ޕީޕީއެމް ގެ ލޯގޯއާއި އެއްކޮށްގެން ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ގޮތަށް ވޯޓު ހޯދަން މަސައްކަތްކުރުމަކީ އެ ޕީޕީއެމްއިން ހިންގާ ޣައިރުޤާނޫނީ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ދެކޭކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެހެންކަމުން ގޮތަށް ކަންކޮށްގެން ޕީޕީއެމްއިން ކެމްޕޭންކުރަމުންދާ ދިއުން ވަގުތުން ހުއްޓައިލުމަށް ފަރާތްތަކަށް ގޮވައިލާކަމަށް ވެސް އެމްޑީޕީން ބުންޏެވެ. ހަމައެހެންމެ އެމްޑީޕީން ވަނީ އެ މައްސަލަ ބަލައި ފިޔަވަޅުއަޅައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ގޮވައިލާފައެވެ.