ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ހެއްދެވި ފަރާތް ޤަބޫލުކުރާކަމާމެދު ޝައްކު އުފެދިވަޑައިގަންނަވާކަމަށް، ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވުމުން އައްޝައިޚް ޒައިދު ޢަލީ، ޖާބިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
”ދިޑެއިލީ“ އާއި ވާހަކަދައްކަވަމުން ޖާބިރު މިއަދު ވަނީ، ރިޔާސީ އިންތިޚާބުގައި އޭނާގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވިކަމަށް ބުނާ މައްސަލައިގައި ވާހަކަދައްކަވާފައެވެ.
ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ނަސޭހަތެއް ދެއްވާން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
”އަޅުގަނޑު މައުމޫނަށް ދޭން އޮތް ނަސޭހަތެއް އެބައޮތް. ނަސްރީނާ އަތުގަ ހިފައިގެން އަޅުގަނޑުމެންގެ ގެއަށް އައިސް އަޅުގަނޑަށް ދޭންހުރި ދަރަނި ލާރިކޮޅުދިނުން ބުއްދިވެރިކަމަށް.“ ޖާބިރު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް މައުމޫން ދަރަންޏަށް ޒިންމާވެވަޑައިނުގަންނަވާ ކަމަށާއި، ރައީސް މައުމޫން ހެއްދެވި ފަރާތް ޤަބޫލުކުރާކަމާމެދު ޝައްކުވެވަޑައިގަންނަވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ މި ވާހަކަތަކާއި ގުޅިގެން ޝައިޚް ޒައިދު ވަނީ އެކަމާ ކަންބޮޑުވެވަޑައިގެން ވާހަކަދައްކަވާފައެވެ.
”މި އެމްޕީ ވެސް ހަރުކަށި ފިކުރުގެތެރެއަށް ވަނީތޯ“ ޒައިދު ސުވާލުކުރެއްވިއެވެ.
ޒައިދު ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަތައްފަދަ ވާހަކަތަކަކީ އެއްވެސް ހާލެއްގައި ދެއްކިގެންވާނެ ވާހަކައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހަށް މިކަހަލަ މެންބަރުން ހޮވި، ރައްޔިތުންނާމެދު ހިތާމަކުރައްވާކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
ތަންކޮޅެއް މަދުން މާމުއިފޮދު ބޮވިފަހުރި ދުވަހަކަށްވާނީ