އައްސޭރި ޖަލުގައި ތިބި ގައިދީންގެ ތެރެއިން އަހުލާހު ރަނގަޅަށް އުޅޭ މީހުންގެ އިތުރުން ކުށްކުރުން މަދު މީހުން ފާހަގަކޮށް އެމީހުންނަށް މައާފު ދިނުމަށްޓަކައި އެ ފަރާތްތަކުންގެ އަދަބު ލުއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް އިލްތިމާސްކުރުމަށް ކޮމިޓީއިން ފާސްކޮށްފި އެވެ.
ޕެޓިޝަން ކޮމިޓީއިން އެގޮތަށް ފާސްކޮށްފައިވަނީ އައްސޭރި ޖަލުގައި ބަންދުކުރާ ފަރާތްތަކުން މަދުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުންނެވެ.
އެގޮތަށް ފާސްކޮށްފައިވަނީ އައްސޭރި ޖަލުގައި ތިބި ފަރާތްތަކުންގެ ކަންބޮޑުވުން ހިއްސާކޮށް ހުށަހެޅި ޕެޓިޝަނަކަށް ފަހު އެ މައްސަލަ ދިރާސާކުރުމަށްފަހުގައެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓެއް ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.
އެ ރިޕޯޓުގައި މައިގަނޑު 13 ކަމެއް ހިމެނޭނެއެވެ. އެގޮތުން އެއް ކަމަކީ ޖަލުގައި ބަންދުކޮށް މުޖުތަމައުން ބާކީ ކުރުމުގެ ބަދަލުގައި އެމީހުންނަށް ”ނޯން ކަސްޓޯޑިއަލް ސެންޓެންސް“ އެއް ކަނޑައެޅުމަށެވެ. އެ ސެންޓެންސްގެ ދަށުން ކުދި ކުށް ކުރާ މީހުން ކޮމިއުނިޓީ ސާވިސް އަދާކުރުމަށްފަހު ކުށަށް މައާފު ލިބޭނެގޮތެއް ހަމަޖެހިގެންދާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ގައިދީންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރު ކުރުމަށްވެސް އެ ރިޕޯޓުގައި ވަނީ އެދިފައެވެ. އެގޮތުން އެފަރާތްތަކަށް ލިބެން ޖެހޭ ޕެރޯލް ލަސްވުމާއި އެފަދަ ކަންތައްތަކަށް ހައްލެއް ހޯދުމަށްވެސް އެ ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ.