ބޮލީވުޑްގައި ރަނގަޅު ޖާގައެއް ހޯދައި މަގުބޫލުކަން ހޯދަން އުނދަގޫ ކަމަށާއި މަޝްހޫރު ފަންނާނުންގެ ދަރިންނަށްވެސް އުނދަގޫވަނީ ނެޕޮޓިޒަމް ފަދަ ބަސްތައް ބޭނުންކުރާތީ، އެއީ ވަރަށް ރުޅި އަންނަ ބަހެއް ކަމަށް ސޫރަޖް ޕަންޗޯލީ ބުނެފިއެވެ.
ބޮލީވުޑް އިންޑަސްޓްރީގައިވެސް ނެޕޮޓިޒަމް ނުވަތަ މަޝްހޫރު އަދި ނުފޫޒުގަދަ ފަންނާނުންގެ ދަރިން އަތްގަދަ ކުރަމުންދާ މައްސަލައަކީ ޒަމާނުއްސުރެ އޮތް މައްސަލައެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އެ މައްސަލަތައް ބޮޑުވެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ މުޅި އިންޑަސްޓްރީއަށް ރައްދުވެފައެވެ.
އެކަމާ ގުޅިގެން ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފަންނާނެއް ކަމަށްވާ އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު އަދި ފަންނާނެއް ކަމަށްވާ ސޫރަޖް ބުނެފައިވަނީ ސޯޝަލް މީޑިއާގެ މި ޒަމާނުގައި، މަޝްހޫރު ފަންނާނުންގެ ދަރިންނަށްވެސް އިންޑަސްޓްރީގައި ކުރިއަށް ދިޔުމަށް ދަތިވާ ކަމަށެވެ.
”އަހަރެން ނުބުނާނަން އެއްވެސް ބަޔަކަށް ފަސޭހައެކޭ. އެންމެ މޮޅު އަދި ރަނގަޅު ބަޔަކު ތިބޭނީ. ނެޕޮޓިޒަމް ޓެގް ދެކެ ވަރަށް ފޫހިވޭ. އެހެން ބުނާއިރު ހީވަނީ އަހަރެމެން ކަހަލަ ފަންނާނުންގެ ދަރިން މަސައްކަތް ނުކުރާހެން،“ އޭނާ ބުންޏެވެ.
ނަމަވެސް ނެޕޮޓިޒަމްއަށް އިންޑަސްޓްރީގައި ފާޑުކިޔަނީ މަސައްކަތް ނުކުރާތީއެއް ނޫނެވެ. އެހެންނަމަވެސް އެފަދަ ފަންނާނުންގެ ސަބަބުން އެއަށްވުރެ މާ ހުނަރުވެރި އާންމު ފަންނާނުންނަށް ލިބެން ޖެހޭ ފުރުސަތު ނުލިބޭތީއެވެ. އަދި އެ ފަރާތްތަކަކީ ބޮޑެތި ޕްރޮޑަކްޝަންތަކާ ގާތް މީހުންނަށްވުމުން އެމީހުންނަށް އަބަދުވެސް ގަދަ އަތެއް އޮންނާތީ ހަމަހަމަ މައިދާނެއް ނެތް ކަމަށް ބުނެ އެތައް ބަޔަކު ދަނީ މައްސަލަ ޖައްސަމުންނެވެ.