ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑް 19 އަށް 81 މީހުން ފައްސިވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަ ކޮށްފިއެވެ.
އެއިދާރާއިން ބުނެފައިވަނީ، އިއްޔެގެ އޮރު އޮއްސި 18:00 އިން ފެށިގެން މިއަދުގެ 18:00 އާއި ހަމައަށް މާލެ އިން އިތުރު، 52 މީހުން ފައްސިވެފައި ވާކަމަށާއި، އަތޮޅު ތެރެއިން 22 މީހަކު ބައްޔަށް ފައްސިވެފައި ވާއިރު، ރިސޯޓް ތަކުން 7 މީހަކު ބައްޔަށް ފައްސިވެފައި ވާކަމަށެވެ.
މިއީ ފަހަކަށް އައިސް ރާއްޖެއިން ފައްސިވަމުންދިޔަ ރޭޓަށް ބަލާއިރު ބޮޑު ތަނުން މަދު އަދަދެކެވެ. މިދިޔަ ހަފްތާގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއިން 100 އިން މަތިން މީހުން ބައްޔަށް ފައްސިވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
މިހާތަނަށް ޖުމްލަ 22،373 މީހުން ވަނީ ރާއްޖެއިން މި ބައްޔަށް ފައްސިވެފައެވެ. އަދި މިބަލިން މިހާތަނަށް، 19،897 މީހުން ވަނީ ރަނގަޅުވެފައެވެ.
ކޯވިޑް 19 ގެ ސަބަބުން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ، 65 އަށް އަރާފައެވެ.