އިނގިރޭސިވިލާތުގެ މިލިޓަރީ އެކެޑަމީގެ ކޯހެއް ކަމަށްވާ، ސޭންޑްހަރސްޓް ކޯހުން ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވޯޑް ރާއްޖޭގެ ފިރުޝާނާ ތައުފީގް ކާމިޔާބު ކޮށްފިއެވެ.
ފިރުޝާނާ މި އެވޯޑް ހޯދުމާއި ގުޅިގެން، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ އޭނާ އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި މިއީ ދިވެހި އަސްކަރިއްޔާއިން އަންހެން ކަނބަލުންނަށް ކުރިއަރައި ދެވޭނެ މަގު ތަނަވަސް ވެފައި ވާކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މިއީ މި ކޯހުގައި ދިވެހި އަންހެން ކަނބަލަކު ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ ދިވެއްސަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.
ފިރުޝާނާއަށް މި ކާމިޔާބީ ލިބުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އަންހެން ސިފައިންގެ ކަނބަލުންނާއި އަންހެން ފުލުހުންނަށް ގިނަ ފުރުސަތު ތަކެއް ވަނީ ހޯދައި ދީފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ގާރޑ އޮފ އޮނަރ އެރުވުމުގައިވެސް ގިނަ ޢަދަދެއްގެ އަންހެން ސިފައިން ބައިވެރިވެފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީކީ މިހާތަނަށް ރާއްޖޭގައި ދިފާއީ ވަޒީރުކަންކުރައްވާ ފުރަތަމަ އަންހެން ވަޒީރެވެ.