ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޙާން ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.
އެމަނިކުފާނު ފައްސިވެފައި މިވަނީ، ޗައިނާއިން ކޯވިޑް 19 އިން ރައްކާތެރި ވުމަށް ތައްޔާރު ކޮށްފައިވާ، ވެކްސިން ޖެއްސެވިތާ ކުޑަ ދުވަސް ކޮޅެއް ތެރޭ ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
އެގައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަނީ، ބޮޑު ވަޒީރު އިމްރާން ހާން ބައްޔަށް ފައްސި ވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި، އެމަނިކުފާނު ވަނީ މީގެ ދެ ދުވަސް ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ނަންގަވާފައި ކަމަށެވެ.
މިކަމާއި ގުޅިގެން އެގައުމުގެ ނެޝިނަލް ހެލްތު ސާވިސްގެ ހާއްސަ މަންދޫބް ފައިސަލް ސުލްތާން ވިދާޅުވީ، ބޮޑު ވަޒީރު ބައްޔަށް ފައްސިވުމާއި ގުޅިގެން އެމަނިކުފާނު ދިރިއުޅުއްވާ ގޭގައި ކަރަންޓީނު ވެވަޑައިގެން ހުންނެވި ކަމަށެވެ.
އަދި އެމަނިކުފާނުގެ ހާލަތު ގޯސް ނޫން ކަމަށްވެސް ފައިސަލް ސުލްތާން ވަނީ ބުނެފައެވެ.