ޖަޕާނަށް 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް، އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރަން ފަށައިފި އެވެ.
ޖަޕާނުގެ މިޔާގީ ޕްރީފެކްޗާ ސަރަހަށް ވަނީ ދާދި ފަހުން ނުރައްކާތެރި ބިންހެލުމެއް އައިސްފައެވެ.
އެކަމާ ގުޅިގެން މިހާރު ކޯސްޓަލް ސަރަހައްދުގައި ރާޅުތަކެއް އުފެދި ރާޅުތަކެއް އަރާފައިވާ ކަމަށްވެސް ޖަޕާނުގެ ނޫސްތަކުން ބުނެއެވެ. އެގޮތުން ފުރަތަމަ ރާޅު މީގެ އިރުކޮޅެއް ކުރީން އެރިއިރު އެ ރާޅުގެ އުސްމިނުގައި 3.2 ފޫޓު ހުރި ކަމަށް ނޫސްތަކުން ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަދި މިހާތަނަށް އަނިޔާ ވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެންނަމަވެސް ކޯސްޓަލް ސަރަހައްދުގެ 200 ވަރަކަށް ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ފަރާތްތަކުން ރިޕޯޓުކުރެއެވެ.
ޖަޕާނުގެ މީޓިއޮރޯލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ބުނެފައިވަނީ މިޔާގީ ސަރަހައްދުން އުފެދިގެން އައި ބިންހެލުން ހިނގާފައިވަނީ ބިމުގެ 60 ކިލޯމީޓަރު އަޑީން ކަމަށެވެ.
ޖަޕާނުގެ މިޔާގީ ސަރަހައްދަށް މީގެކުރީންވެސް ވަނީ ނުރައްކާތެރި ބިންހެލުމެއް އައިސްފައެވެ. އެގޮތުން 2011 ވަނަ އަހަރުގެ މާޗު މަހުގައި އެ ސަރަހައްދުން ވަނީ 9.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ.