ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުގެ 19 ނިންމުމެއް އުވާލައިފިއެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުން ހިންގަމުންދިޔަ މަސައްކަތްތަކެއް ވަނީ ޖޭއެސްސީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ބުނެފައިވަނީ ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ސާކިއުލާތަކާއި ރޫލިންތަކާއި އާންމު ސިޓީތަކަށް، މިހާރު އަމަލު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ނިންމުންތައް އުވާލުމަށް ހަމަޖައްސާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ އެ ބަދަލާއެކު އުވާލާފައިވަނީ ފަސް އުސޫލަކާއި ގަވާއިދެއްގެ އިތުރުން ތިން ސާކިއުލާއަކާއި އާންމު ނުވަ ސިޓީއެއް ކަމަށެވެ.
އަލަށް އުވިގެން ދިޔަ ކަންތައްތަކުގެ ތެރޭގައި ފަނޑިޔާރުންގެ ޗުއްޓީ ނެގުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ނަގަން ޖެހޭ ޖެހުން ހިމެނެއެވެ. އަދި 2008 ވަނަ އަހަރު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުން ސުޕްރީމް ކޯޓުގެ ދަށަށް ބަދަލުކުރި ނިންމުންވެސް އުވާލި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.