މިއަދަކީ ހއ.ހޯރަފުށްޓަށް އަގުހުރި ދަރިއެއް ގެއްލިގެންދިޔަ ހިތާމަވެރި ދުވަހެއްކަމަށް، އެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް(ސައްލެ) ވިދާޅުވެއްޖެއެވެ.
ސައްލެ މިހެން ވިދާޅުވީ ހޯރަފުށީ ރަހުމާނީހިޔާ، ޢަބްދުލްވާޙިދު ޔޫސުފް(ވާހިދުބެ) އަވަހާރަވުމާއި ގުޅިގެންނެވެ. ޢުމުރުފުޅުން 72 އަހަރުގައި ވާހިދުބެ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
މި ގޮތުން ސައްލެ މިއަދު ސިފަކުރެއްވީ ހޯރަފުށްޓަށް އަގުހުރި ދަރިއެއް ގެއްލިގެންދިޔަ ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ.
”މީ ހޯރަފުށްޓަށް އަގުހުރި ދަރިއެއް ގެއްލުނު ހިތާމަވެރި ދުވަހެއް. ވާހިދުބެއަކީ ރަށާއި އަތޮޅަށް އެތައް ޚިދުމަތްކުރެއްވި، ރަށުވަންތަ ލޯބި އިސްކުރެއްވި ޚާދިމެއް. ސަމާސާ މިޒާޖެއްގެ އެންމެންގެ ރަޙްމަތްތެރިއެއް.“ ވާހިދުބެގެ ޝަޚްސިއްޔަތުގެ މައްޗަށް ނަޒަރެއްދެއްވަމުން ސައްލެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވިއެވެ.
މި ނޫހަށް މަޢުލޫމާތު ދެއްވަމުން ސައްލެ ވިދާޅުވި ގޮތުގައި، ވާހިދުބެ ވަނީ އެ ރަށު ކުޑަކަތީބުކަމާއި، މުދިންކަން ވެސް ކުރައްވާފައެވެ. އޭގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، ރަށުގެ ދަރިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށް ގިނަގުނަ މަަސައްކަތްޕުޅުތަކެއް ކުރައްވާފައިވާކަން ވެސް ސައްލެ ފާހަގަކުރެއްވިއެވެ.
ސައްލެ ވިދާޅުވި ގޮތުގައި ވާހިދުބެއަކީ އިޖުތިމާޢީ ރޮނގުން ރަށަށް ޚިދުމަތްކުރެއްވުމުގައި ވެސް އެފަދަ ދެވަނައެއްނެތް ބޭފުޅެކެވެ.
”ބަނދަރު ހެދިޔަސް، ގޮނޑުދޮށް ހެދިޔަސް، ރަށުގެ މަގު ސާފުކުރިޔަސް، ދުވަހެއް ފާހަގަކުރިޔަސް އެންމެ ކުރީގަ ހުންނަވާނެ.“ ސައްލެ ވިދާޅުވިއެވެ.
ސައްލެ ވަނީ ވާހިދުބެއަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ރައްބުގެ ޙަޟްރަތުގައި ދަންނަވާފައެވެ.
ވާހިދުބެގެ ޖަނާޒާގެ ކަންކަން ކުރިއަށްދާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގައެވެ.