މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދަޢުވާކުރަން ފަށާފައިވާ ކަމަށާއި، އެ ގޮތަށް ފުރަތަމަ ދަޢުވާ އުފުލައިފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
”މަސްތުވާތަކެތި ވިޔަފާރިކުރާ ފައިސާއާއި ފައިސާގެ ފަހަތުން ދިއުން“ މި ސުރުޚީގެ ދަށުން ޝަމީމް ލިޔުއްވާފައިވާ ލިޔުމެއް ޓްވިޓާރގައި ހިއްސާކުރައްވައި ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ މައްސަލައަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު، ހައްލުކުރަން އެންމެ ދަތި އެއް މައްސަލަ ކަމަށެވެ. އަދި އެއީ ހުރިހާ މައްސަލަތަކެއް ގުޅިފައިވާ ބޮޑު މައްސަލަކަން ވެސް ފާހަގަކުރެއްވިއެވެ.
’“މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާ މީހުންގެ ފަހަތުން އެބަ ދާންޖެހޭ. ފުލުހުންގެ ބުރަ މަސައްކަތުން ލައްކަ ގިނަ ނެޓްވޯރކްތައް ރޫޅާލެވިއްޖެ. ދެން އޮތް މަރުހަލާއަކީ މިކަމުގައި އުޅޭ އަސްލު ވިޔަފާރިވެރިން ފަހަތުން ދިއުން. މި ބާވަތުގެ ފުރަތަމަ މައްސަލަ 18 މާރިޗުގައި ކުރިމިނަލް ކޯޓަށް ހުށަހަޅައިފިން. މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއްގައި ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައިގެން އެކަމުގައި ޝާމިލުވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ހުށަހަޅައިފިން. މިހާރު ހީވެފައި އޮންނަނީ މަސްތުވާތަކެތީގައި އަތްނުލާ އުޅޭ މީހުންނަށް ސަލާމަތް ވެވޭނެޔޭ. އެ މަގު މިއުޅެނީ ބަންދު ކުރަން. އަތް ނުލިޔަސް ފައިސާ ބޭނުންކުރަންޏާ އެމައްސަލަ ތަހުޤީޤުކޮށް ދައުވާ ކުރެވެން އޮތް މީހުންނަށް ދައުވާ ކުރަން. މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އެހެން ކަންކަމަށް ބޭނުންކުރާނަމަ މަނީ ލޯންޑްރިންގެ ދައުވާ ކުރަން ޤާނޫނު ޖާގަދޭ. ޕީޖީ އޮފީހުގެ ސިޔާސަތަކީ އެމަގުން ދިއުން. އެ ފައިސާއާއި އެފައިސާއާ އެއްކޮށްފައިވާ އެހެން ފައިސާތައް ދައުލަތަށް ނެގުން. މަނީ ލޯންޑްރިންގެ ދައުވާ ކުރުން.“ ޝަމީމް ކުރެއްވި ޓްވީޓުތަކުގައިވެއެވެ.
ޝަމީމް ވިދާޅުވީ މި ބާވަތުގެ ފުރަތަމަ މައްސަލައިގައި މި މަހު 18 ގައި ކުރިމިނަލް ކޯޓަށް ދަޢުވާކުރަން ހުށަހަޅާފައިވާނެ ކަމަށެވެ.
އެ މައްސަލައިގައި ދަޢުވާ އުފުލަނީ ގދ.ތިނަދޫ, ރަންގަލް, ޙަސަން ލޫޠާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45, ޙަސަން ރަޝީދާއި، ތ.ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފާއި، މއ.ހަސްލަތު، ޝަނިޔާ އިބްރާހީމްގއ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ދަޢުވާކުރަނީ ހުސްވި ޖަނަވަރީ 12 ވަނަ ދުވަހު އިތުރު ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވިގެން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ފުލުހުން ހިނގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައާއި ގުޅިގެންނެވެ.
ޕީޖީ ވިދާޅުވީ އެ މައްސަލައިގައި އިސްމާޢީލް ޝަރީފާއި، ޝާނިޔާ އިބްރާހީމާއި، ޙަސަން ރަޝީދާއި، ޙަސަން ލޫޠުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދަޢުވާކުރަން ހުށަހަޅާފައިވާ ކަމަށެވެ.