އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްދުއްސައްތާރަށްވުރެ ވަކިން މާލެ ދަންނަ ބޭފުޅަކު މަދުވާނެކަމަށް، އެމްޑީޕީގެ ރަައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.
ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ، ލަންކާގައި ދިރިއުޅެމުން އަންނަ މާލޭގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ”ކޮބާ ގުލްޒާރު“ ގެ ނަމުގައި ހުކުރުދުވަހުގެރޭ ބޭއްވި މި ބައްދަލުވުމުގައި އަނަސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ތިން ބޭފުޅުންނެވެ. އޭގެތެރޭގައި ހިމެނެނީ އަނަސްއާއި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި ވެސް ރައީސް ނަޝީދު ވަނީ ޑރ.މުޢިއްޒަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން ޑރ.މުޢިއްޒު މާލެއަށް ހެއްދެވިގޮތް ވަރަށް ސާފުކަމަށާއި، ރައްޔިތުންނަށް އެކަން އެނގޭކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ އަނަސްއަށްވުރެ ވަކިން މާލެ ދަންނަ ބޭފުޅަކު މަދުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”އަނަސްއަށްވުރެ ވަކިން މާލެ ދަންނަ ބޭފުޅަކު މަދުވާނެ. މާލެއާގުޅޭ އަނަސްއަކީ ވެހިކަލޭފާނަށް އެއްފަރާތުން ކާފަ ކިޔާފަ ބަޑިކުޅިގޭ އަނެއްފަރާތު ބޭފުޅެއް. އަނަސްއަށް ނޭނގޭ، އަނަސްއަށް ވަކި ގުޅިފައި ނެތް މާލޭ މީހުން މަދުވާނެ. މާފަންނު ސަރުދާރެއްގެ ކާފަދަރިއެއް އެއީ. މާލެ ހިންގަން ތިބި ބޭފުޅުން އެއީ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލެ ހިންގަން ބޭނުންވާނަމަ, ތިލަފަތަށް ވޯޓު ދިނުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.
އިންތިޚާބު ގާތްވެފައިވާއިރު، ރައީސް ނަޝީދު ގެންދަވަނީ އަނަސްއަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވަމުންނެވެ. މާލޭގައި މި ވަގުތު އޮތް އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވައިލައްވައި ދާދި މިދާކަށް ދުވަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއި އެކީގައި ކަމަށާއި، އަނަސް ބޮޑުވީ ފްލެޓް އަޅާނެ ގޮތުގެ ވާހަަކަ ވެސް ދައްކަވަމުން ކަމަށެވެ.