ޤާނޫނު އަސާސީ ދަންނަ ހަމައަކީ އުތުރު ތިލަފަޅުގެ އެއްބަސްވުންފަދަ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރުންކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް ލީކްވެ، މަސްރަހު ވަނީ ހޫނުވެފައެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް ލީކްވެފައިވާއިރު، އެ ލިޔުންތަކުގައި ވާގޮތުން އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 30 އަހަރުވަންދެން އެއްބަސްވުން ޤާއިމުވެ އޮންނާނެއެވެ. ހަމައެހެންމެ އިންޑިއާ ސިފައިންނަށް މި ޤައުމުގައި ހަތިޔާރު ވެސް ގެންގުޅެވެއެވެ.
ސަޢީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރުގެ އެއްވެސް އަސްކަރީ ބާރަކަށް މި ޤައުމުން ޖާގަ ދިނުމަކީ ނުރައްކަލެއް ކަމަށާއި، ސަރުކާރުން މިކަމުގައި ސާފު ޖަވާބުދޭންޖެހޭ ކަމަށެވެ.
”ބޭރުގެ އެއްވެސް އަސްކަރީ ބާރަކަށް މި ޤައުމުން ޖާގަ ދިނުމަކީ ނުރައްކަލެއް. ސަރުކާރު މިކަމުގައި ސާފު ޖަވާބުދޭންޖެހޭ. ޤާނޫނު އަސާސީ ދަންނަ ހަމައަކީ އެފަދަ އެއްބަސްވުންތައް މަޖިލިސްއަށް ހާމަކުރުން. މިކަމުގައި ސަރުކާރާއި، ކޯލިޝަންގެ ބައިވެރިން ހަނުތިބެވޭނެ ޖާގައެއްނެތް.“ ސަޢީދު ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމާމެދު ސަރުކާރުން ބުނަނީ ލީކްވެފައިވަނީ އަސްލު އެއްބަސްވުމުގެ ކޮޕީއެއް ނޫންކަމަށާއި، ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ހަމައެހެންމެ ޤާނޫނު އަސާސީ ދަންނަ ހަމައަކީ އުތުރު ތިލަފަޅުގެ އެއްބަސްވުންފަދަ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރުންކަމަށް ސަޢީދު ވިދާޅުވިއިރު، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅުގައި ޤާއިމުކުރަނީ މިލިޓަރީ ބޭހެއްކަމަށް އެ މަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މިލިޓަރީ ބޭސްއެއް ޤާއިމުކުރަން އުޅޭނަމަ މަޖިލީހުގައި އެއާއި ބެހޭ ބަހުސް ކުރިއަށްދާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ބޭރު ޤައުމުތަކާއި ކުންފުނިތަކާއި ގުޅޭ އެއްބަސްވުންތަކަކީ މަޖިލީހާއި ހިއްސާކުރަންޖެހޭ އެއްޗެއް ނޫންކަމަށް ވެސް ވިދާޅުވެފައިވެއެވެ.