ދ.ކުޑަހުވަދޫން އިތުރު 13 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ކުޑަހުވަދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ރަށު އެއަރޕޯޓުގެ ހަ މުވައްޒަފުންނެވެ. އެއީ މިދިޔަ ބުދަދުވަހުއެވެ.
އެ ކޭސްތަކާއި ގުޅިގެން ކުޑަހުވަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ވެސް ގެނެސްފައެވެ. ހަމައެހެންމެ އެޗްޕީއޭއިން ވަނީ ހުސްވި ފެބްރުއަރީމަހުގެ 26 ވަނަ ދުވަހުގެ ފަހުން ކުޑަހުވަދޫގައި އުޅެފައި، އަތޮޅުތެރޭގެ އެއްވެސް ރަށަކަށްދިޔަ ފަރާތެއް ހުރިނަމަ ވީހާވެސް އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތް ސެންޓަރަށް އަންގަން ވެސް އެދިފައެވެ.
އެޗްޕީއޭއިން މިރޭ ބުނީ އެ ރަށުން އިތުރު 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރޭގައި އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންގެ 10 ކޮންޓެކްޓުން ހިމެނޭއިރު، ރެންޑަމްކޮށް ނެގި ދެ ސާމްޕަލުން ޕޮޒިޓިވްވި ދެ މީހުން ވެސް ހިމެނެއެވެ. އަދި ބަލީގެ ޢަލާމާތްތައް ހުރުމާއެކު ޓެސްޓުކޮށްގެން ޕޮޒިޓިވްވި މީހަކު ހިމެނޭކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.